ވިޔަފާރި

މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ ރަނގަޅު އާމްދަނީއެއް ލިބޭ އުފެއްދުމަކަށް ހަދާނަން - ރައީސް


މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ ރަނގަޅު އާމްދަނީއެއް ލިބޭ އުފެއްދުމަކަށް ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި، ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"
މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި، ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

މިފްކޯއިން ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުޚާނާ ފުރިހަމަކޮށް މިއަހަރު މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި އިތުރު ރަށްރަށުގައި އައިސް ޕްލާންޓް ޤާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މިއަހަރު އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިންނާއި އެންމެބޮޑަށް ގުޅިފައިވާ ކުންފުނި، މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިފްކޯގެ ހިންގުން ހަރުދަނާކޮށް އެކުންފުންޏަކީ ފައިދާ ނެރެވޭ، އަދި މަސްވެރިންނަށް ލާބަހުރި ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ރައީސް ޞާލިހްގެ ސަރުކާރުން ވަނީ މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ފަށާފައެވެ.