ޚަބަރު

އޭޕްރީލް މަހުން ފެށިގެން ނަފްސާނީ ބަލިތަކަށް އާސަންދަ ލިބޭނެ - ރައީސް


ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރ ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ޤާއިމުކޮށް، ނަފްސާނީ ބަލިތަކަށް އާސަންދަ ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި "ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރ" ހުޅުވި އެތަނުން ޚިދުމަތްދޭން ފަށާނެކަމަށެވެ. މި ސެންޓަރ އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މި ޚިދުމަތް ދޭން ފަށާނީ އާސަންދަ ލިބޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލެއް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ގެ ރިޔާސީ ބަޔާނުގައިވަނީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނޭ ސިއްޙީ ދާއިރާގެ ގިނަކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ ޤައުމުތަކުން ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިނޭނެ އިންތިޒާމް އަންނަ އެޕްރީލް މަހުގެ ތެރޭގައި ހަމަޖައްސާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިއްޙަތައް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކުވަމުންދަނީ ހިތާމަކުރަންޖެހޭ މިންވަރަށް. އެފަދަ ބަލިތަކަށް މީހާ ވާސިލުކުރާ އެކައްޗަކީ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް. ދުންފަތާއި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ގަވާއިދަށް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސްކަމަށްވާ މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލު ކުރަން ފެށުމުން ވަކިވަކިން ބިޑި ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ." ސިއްޙީ ދާއިރާއިން ޢާންމުން ހޭލުންތެރިކުރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނުރައްކާތެރި ބަލިތަކާއި ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަންކަމަށް ޢާއްމުން ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހެލްތް މިނިސްޓްރީން ގެންދަނީ ހިންގަމުންނެވެ. އެގޮތުން ސިއްޙަތައް ރަނގަޅުނޫން ކާނާއާމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.