ޚަބަރު

ބަޖެޓްގެ ބޮޑުބައި ހޭދަކުރާނީ ތަޢުލީމީ ދާއިރާއަށް - ރައީސުލްޖުމްހޫރިއްޔާ


މިއަހަރަކީ ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރާނެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓްގައި ތަޢުލީމީ ދާއިރާއަށް 3.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ރިޕޯޓް

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ތާރީޚްގައިވެސް ތަޢުލީމީ ދާއިރާއަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރުކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓްގެ އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވަނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިދާއިރާއަށް 3.4 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުނަށް މަތީ ފެންވަރުގެ ތަޢުލީމާއި ތަމްރީނަށް މަގު ފަހިކޮށްދީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުންކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް 3 އިންސައްތައަށް ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތަ އިތުރުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢުލީމަށް ލޯން ދޫކުރުމުގެ އައު އުސޫލުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ލޯން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"
"މި ބަދަލު އައުމުން، އެންމެ މަތިން ލޯނު ނަގާ ދަރިވަރުން، މަހަކު ދައްކަންޖެހޭ ޢަދަދުން ގާތްގަނޑަކަށް 4000 ރުފިޔާ އުނިވެގެންދާނެ. މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް، މި ދެންނެވި އިންޓްރެސްޓް ކުޑަ ލޯން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ. އަދި އިތުރު ފުރުޞަތުތަކަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ. މި ލޯން ސްކީމްގައި ސާރކް ގައުމުތަކުގެ އިތުރުން، މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާއިން ކިޔެވޭނެގޮތް މި އަންނަނީ ހަމަޖައްސަމުން."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް 3.4 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، މިހާރު އެދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލް ކުދިންނަށް ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން 25 ސްކޫލެއްގައި ނާސްތާދޭން ފަށާފައިވާއިރު، ދެވަނަ ޓާރމްގައި 213 ސްކޫލްގައި މި ޕްރޮގްރާމް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވަށާޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، 144 ސްކޫލެއްގައި މިހާރު އަންނަނީ އެއްދަންފަޅިއަށް ކިޔަވައިދެމުން. އަދި އިތުރު 69 ސްކޫލެއް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ އޮޑިޓެއް ހަދައި، އެކަން ކުރެވޭނެ ގޮތުގެ ޕްލޭނެއް، މިހާރު އަންނަނީ ތައްޔާރު ކުރަމުން." ތަޢުލީމީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހިންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރު 580 މުދައްރިސުން ވަޒީފާއަށް ނެރެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ 600 އަށްވުރެ ގިނަ މުދައްރިސުންނަކީ، ތަޢުލީމީ ދާއިރާގައި، ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.