ޚަބަރު

އައު ރަންވޭ ބޭނުންކުރެވޭނީ ޓާރމިނަލް އަޅައި ނިމުމުން - ރައީސް


އެއަރޕޯޓުގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައި ވީނަމަވެސް، އައު ޓަރމިނަލް ހަދައިގެން ނޫނީ، އެ ރަންވޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ. 1 ބިލިޔަން ޑޮލަރުގެ މި މަޝްރޫއުގެ ތެރެއިން އައު ރަންވޭ އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ނިންމާލާފައިވާއިރު، މި ރަންވޭއަކީ، ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ އޭ-380 މަރުކާގެ ބޯޓު ޖެއްސޭގޮތަށް ފަރުވާކޮށްފައިވާ ރަންވޭއެކެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދެއް އޮންނަ ޤައުމެއްކަމުން، ރާއްޖޭގެ މައި އެއަރޕޯޓަކީ މިހާރަށްވުރެ ތަނަވަސްތަނަކަށް ވާންޖެހޭކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އައު ރަންވޭއެއް އަޅައި ނިމިފައިވީނަމަވެސް، އެރަންވޭގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ކުރެވޭނީ އައު ޓަރމިނަލްގެ މަސައްކަތްވެސް ނިމިގެންކަމަށެވެ.

"
"ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޖާގައަށްވުރެ ދެ ގުނައަށް މިހާރު މި އެއަރޕޯޓްއަށް ފަތުރުވެރިން ޒިޔާރަތްކުރޭ. އެއަރޕޯޓުގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓަރމިނަލް ހަދައިގެން ނޫނީ، އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތެއްގައި ހިފޭކަށް ނެތް. އެހެންކަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު ރަންވޭއެއް ނިމިފައިވީނަމަވެސް ޓަރމިނަލްގެ މަސައްކަތް އަދިވެސް ނުފެށި ހުއްޓިފައިވަނީ ސައުދީން ފައިސާ ދިނުން މަޑުޖައްސާލާފައިވުމުންކަމަށް ސަރުކާރުން މީގެ ކުރިންވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް، މި ޓަރމިނަލް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ދޭނެކަމުގެ ޔަޤީންކަން ސައުދީ ސަރުކާރުން ދީފައިވާކަމަށާއި، އެ ޓަރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ޞާލިޙް ކުރިން ވަނީ ވިދާޅުވެފައެވެ.

ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތްކުރަނީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ.

އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވީ އަލަށް ހަދާ ޓަރމިނަލްގައި، މިހާރު މެނުއަލްކޮށް ދެމުން އަންނަ ގިނަ ޚިދުމަތްތައް އޮޓަމެޓިކް ޚިދުމަތްތަކަކަށް ބަދަލުކުރާނެ ކަމަށެވެ.