ވިޔަފާރި

އަމާޒަކީ އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން - ރައީސް ޞާލިޙް


ސަރުކާރުގެ އަމާޒަކީ މި ވެރިކަމުގެ 5 އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ، މި އަހަރުގެ ތެރޭގައި 20 ރިސޯޓް އަލަށް ހުޅުވިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، މި 20 ރިސޯޓާއިއެކު ޓޫރިސްޓް އެނދުގެ އަދަދު 47،000 އަށް ވުރެ އިތުރުވެގެންދާނެކަމަށެވެ. އަލަށް ހުޅުވާ ރިސޯޓްތަކާއިއެކު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"
ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުން. ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް

ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، ޚާއްޞަ ސިފަތަކެއް ލިބިގެންވާ އަތޮޅެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަންކަމަށް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި، ތަރައްޤީކޮށް މާކެޓުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެކަމަށާއި، އޭރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު ދިރުމެއް އަންނާނެކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ މުޅި އިޤްތިޞާދުގެ %70 ޙިއްޞާކުރަނީ ފަތުރުވެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދަޅުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 145 ރިސޯޓާއި 521 ގެސްޓްހައުސްއެވެ. ބެޑް ކެޕޭސިޓީއަކީ 44،800 އެވެ.