ސިޔާސީ

މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި 10 މީހެއްގެ ބަންދަށް 10 ދުވަސް


އެމް.ޑީ.ޕީއާ ޖުމްހޫރީ ޕާޓީ ގުޅިގެން ރޭކުރި މުޒާހަރާގައި ހައްޔަރުކުރި މީހުންގެތެރެއިން ދިހަ މީހެއްގެ ބަންދަށް ދިހަދުވަސް  ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.ރޭގެ މުޒާހަރާގައި މަސްލަހަތުނަގާލަން ބަޔަކު އުޅުނުކަމަށާއި އެމައްސަލަ ބަލަމުންދާކަމަށް ފުލުންހުންވަނީ ބުނެފައެވެ.އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ރޭ ކުރި މުޒާހަރާގައި ފުލުހުން ގެ ބެލުމުގެ ދަށަށް ގެންދި 36 މީހުންގެ ތެރެއިން ހަތްމީހަކު ދޫކޮށްލާފައިވާކަމަވެ. އޭގެތެރޭގައި ދެބިދޭސީންވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.ފުލުހުންގެ ބެލުމުގެ ދަށަށް މިމީހުން ގެންދިއައީ އަމަން ނަގާލުމުގެ ތުހުމަތުގައި އާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުންބުނެއެވެ.ފުލުހުންގެ ބެލުމުގެ ދަށުން ޕޮލިސްސްޓޭޝަނަށް ގެންގޮސްފައިވާ 29  މީހުންގެ ތެރެއިން ކުޑަ ކުއްޖަކު ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި،  ދެންތިބި މީހުންގެ ތެރެއިން 11 މީހަކު މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް 10 މީހެއްގެ މައްސަލަ ތަހްގީގުކުރުމަށް ދިހަދުވަހުގެ މުއްދަތު ކޯޓުންޖަހާދީފައިވެއެވެ.ދެމަސްވަންދެން އެއްވުމެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށް 1 ކޯޓުން ދޫކޮށްލާފައިވާކަމަށެވެ. މިއަދު ކޯޓަށް ނުގެންގޮސްމިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންނާމެދު އަދި ގޮތެއް ނުނިންމާކަމަށް ފުލުހުންބުނެއެވެ.ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އިއްޔެ އެމް.ޑީ.ޕީ ޖޭޕީ ގުޅިގެން ކުރިޔަށްގެންދިޔަ މުޒާހިރާއާއި ގުޅޭ ގޮތުން ފުލުހުން ތައްޔާރުކުރި ތްރެޓް އެސެސްމެންޓާއި ގުޅިގެން ބައެއް މީޑިއާތަކަށާއި އެހެނިހެން ބައެއްތަންތަނަށް ހިމާޔަތް ދީފައިވާނެކަމަށާއި، ފުލުހުނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މުޒާހަރާފެށި އުސްފަގަނޑު ސަރަހައްދު ބަލައިފާސްކުރިއިރު މާރާމާރީ ހިންގާ ޒާތުގެ ބައެއްތަކެތި ފެނިފައިވާތީ އެމައްސަލަ ބަލަމުންދާކަމަށެވެ.މުޒާހިރާއާއި ގުޅިގެން އިއްޔެއާއި ރޭ ފުލުހުން ހަރަކާތްރެރިވިއިރު އެއްވެސް ފަރާތަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބިފައިނުވާނެކަމަށާއި، އޭގެބަދަލުގައި ނުރައްކާތެރި ކިތަންމެކަމެއް ފުލުހުން ހުއްޓުވިކަމަށް ހަމްދޫން ވިދާޅުވިއެވެ.ހަމްދޫން ވިދާޅުވީ، މުޒާހަރާގެ ކުރިން މުޒާހަރާގެ ކަންކަން ދާނެގޮތާ ބެހޭގޮތުން އެމް.ޑީ.ޕީ އާއި ޖުމުހޫރީ ޕާޓީ އާއެކު މަޝްވަރާކުރެވުނުކަމަށާއި، ނަމަވެސް އެއްބަސްވި ގަޑިއަށް ހުއްޓާލުމަށްފަހު އަނެއްކަވެސް ޕާޓީތަކުގެ އިސްވެރިން މުޒާހަރާގެ އިސް ސަފުން ފެނިފައިވާކަން ފާހަގަކުރެވުނުކަމަށެވެ.ހަމްދޫން ވިދާޅުވީ ރޭ ގެ މުޒާހަރާގެ ސެކިއުރިޓީކަންކަން ފުލުހުން ބަލަމުންދިޔައިރު އެސަރަހައްދުގައި ބައެއް މީޑިއާތަކުން ގިނައަދަދަކަށް  ނޫސްވެރިން ހަރަކާތްތެރިވިކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަހަލަ އުނދަގޫތަކާއި ކުރިމަތިވިކަމަށެވެ.މީގެތުރުން ރޭގެ މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގާފައިވާތީ އެމައްސަލަވެސް ތަހުގީގުކުރަމުންދާކަމަށާއި ހަމަނުޖެހުން ހިންގުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާކަމަށެވެ. މިހަމަނުޖެހުންތަކުގެތެރޭގައި ފުލުހުންނާއި ނޫސްވެރިންނާއި ދިމާއަށް ކަޅުތެލާއި ތިމަރަބަރިތައް އުކާހަދާފައިވެއެވެ. އެހެންނަމަވެސް ސީރިއަސް ހާނިއްކައެއް އެއްވެސް ފަރާތަކަށް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެއްނުވެއެވެ.