ޚަބަރު

އދ. މިންގަނޑުތަކާއި އެއްގޮތަށް ޖަލުތަކުގެ ކަންތައް އިންތިޒާމްކުރަނީ


އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް ޞާލިޙު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޖަލު ބަންދުގައި ހުންނަ އެއްވެސް މީހެއްގެ އަސާސީ ޙައްޤަކަށް އަރައިގަތުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި އެއްވެސް މީހެއްގެ އިންސާނީ ކަރާމާތް ނަގާލުމަކީވެސް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާނެ ހަމައެއް ނޫން ކަމަށް ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާވައިގެން ހިންގާ ކުށްތަކާއި މާރާމާރީތަކުގެ ސަބަބުން، ޢާންމު ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތަށް ފުލުހުންގެ މުޢައްސަސާއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މިހާރު މި އަންނަނީ ގެންނަމުން. އެގޮތުން، މުޅިން އަލަށް ނެއިބަރހުޑް ޕޮލިސް ތަޢާރުފުކޮށް، މިއަހަރުގެ ތެރޭގައި އަތޮޅުތަކަށްވެސް އެ ޚިދުމަތް ލިބެން ފަށާނެ. ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑު ޤަބޫލުކުރާ ހަމައެއް ނޫން. ޤައިދީންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ، ސިފަވަންތަ އަޚްލާޤާއި ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މުހިއްމު މަސައްކަތްތަކެއް މިއަހަރުވެސް ކުރެވިގެންދާނެ ކަމަށެވެ. އަދި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދޭނެ ކަމަށް ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.