ރާއްޖޭގެ އެކި ރަށްރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 550 ހައުސިންގ ޔުނިޓުތައް ބީލަމަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް، ޢަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވީ އެކި ސަރަޙައްދުތަކުގައި ކުރީގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ހައުސިންގ ޔުނިޓުތައް ނިންމުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
"އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. މަސައްކަތް ފަށައި، ނުނިމި ހުރި ފަނަރަސަތޭކައަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ސަރުކާރުން އެކަން ޙައްލު ކޮށްދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ އަގުހެޔޮކޮށް އެކަން ދިވެހި ރައްޔިތުންނަށް ކޮށްދެއްވުން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، "ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްތުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
މި ރަށްތަކުގައި ހައުސިން ޔުނިޓް ގާއިމް ކުރުމަށް، 96.3 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ރައީސް ޞާލިޙު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅިގެންދާއިރު މާލޭގެ އެއްވެސް ރައްވެއްސަކު ބޯހިޔާވަހިކަން ނުލިބި އެކަމުން މަޙްރޫވެފައި ހުންނަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ދަތިހާލުގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް، ގޮތެއް ފެންނަންދެން، ނުވަތަ އާމްދަނީއެއް ލިބެންދެން، ސަރުކާރުން ހިލޭ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.