ޚަބަރު

އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށޭނެ - ރައީސް


އިންކަމް ޓެކްސް ނެގުމާއި ގުޅޭ ބިލެއް މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، އެތައް ގުނައަކުން ހަލުވިވެފައި ވަނީ، ޓެކްސްގެ ނިޒާމު ތަޢާރުފްކުރުމުން ކަމަށެވެ. ރައީސް ވިދާޅުވީ މުޅި ޤައުމުގެ އިޤްތިޞާދީ ނަފާއިން، ދައުލަތަށް ލިބޭ މިންވަރު، މިހާރަށްވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިޤްތިޞާދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ.

"ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ޤަޞްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ، ޖަޒީރާވަންތަ ތަރައްޤީގެ ހިތްފަސޭހަކަން ލިބެން ފަށާނެ،" ރައީސުލްޖުމްހޫރިއްޔާކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމަށް ލިބޭ ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުންގެ އަތްމަތި ތަނަވަސްވުން ކަމަށެވެ. ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އެހެންކަމުން، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންކަމް ޓެކްސްއާ ގުޅޭ ބިލެއް މަޖިލީހަށް މިއަހަރު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު މިއީ އެމަނިކުފާގެ ރިޔާސީ ވަޢުދެއްވެސްމެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20ވަނަ ދުވަހު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އޭރު ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ދަޢުލަތަށް ލިބޭ އާމްދަނީން ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދެން ޖެހޭނެ ކަމަށެވެ.

އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ހަމަ އަގުގައި މަސައްކަތްތައް ކުރާނަމަ ކޮންމެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމާއި އަދި ބަނދަރުތައް ހުންނާނީ ހެދިފައި ކަމަށެވެ. ފުދުންތެރި ދައުލަތަކަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ ޓެކްސް ނިޒާމެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު އެދުވަހު ވިދާޅުވީ އެމްޑީޕީއިން ތައާރަފްކުރި ޓެކްސް ނިޒާމް މިހާރު ވަނީ ފުރިހަމަ ކުރަންޖެހިފައި ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނެގޭނީ ފުދުންތެރިކަން ހުރި މީހުންގެ އަތުން ކަމަށާއި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ނެގޭ ޕްރޮގްރެސިވް ޓެކްސްއަކަށް އެ ޓެކްސް ވާނެ ކަމަށް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ތަފްސީލްތައް އެމަނިކުފާނުގެ ވެރިކަމެއްގައި ގާނޫނެއްގެ ސިފައިގައި ލިޔެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.