ޚަބަރު

އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއް އެއް ކުރެވިއްޖެ - ރައީސް


ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާދިޔަ ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް މިހާރު އެއްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ތެރޭގައި ފަޅާއެރި އެމްއެމްޕީއާރްސީ ކޮރަޕްޝަނުން ދަޢުލަތަށް 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފައެވެ. އެ 1.2 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަޒާނާ އަށް ވަންނަން ޖެހޭނެ ކަމަށް، ލިޔެކިޔުންތަކުން ސާބިތުވާ އަދަދެވެ. އޭގެ އިތުރުން އެ ޚިޔާނާތުގައި ދަޢުލަތަށް ލިބެންޖެހެނީ ކިހާ ޢަދަދެއްގެ ފައިސާއެއްކަން އަދިވެސް ނޭނގެއެވެ. އެ މައްސަލައިގެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވެސް ވަނީ ބޮޑު ތަޙްޤީޤެއް ހިންގާފައެވެ. އެއީ އޭސީސީންވެސް މިހާތަނަށް ކުރި އެންމެ ބޮޑު ތަޙްޤީޤެވެ. އޭސީސީގެ ރިޕޯޓުން ފާހަގަކުރެވިފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނުގެ އަގު 1.4 ބިލިއަނަށް އަރާކަމެވެ.

އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅިގެން ފުލުހުން ދާދިފަހުން ކުރި ތަޙްޤީޤު ނިންމާ ރޭ ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ވިދާޅުވީ އެމްއެމްޕީއަރްސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހިންގި ތަހުގީގުގައި އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ހާމަވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ވިދާޅުވީ ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެފައިވާ ކަމަށެވެ. އަދި އެކޮމިޝަނުގެ ތަޙްޤީޤުތައް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙްޤީޤު ކުރާ ކޮމިޝަނަށް ބޭރު ޤައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ފިޔަވަޅު އެޅޭނެ،" ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ދަޢުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު އެ މައްސަލައާ ގުޅޭ ތަޙްޤީޤު ފަށައިގެން ކުރިއަށް ގެންދާއިރު ސަރުކާރުން އަންނަނީ މިފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭ މުހިއްމު ޤާނޫނުތައް ހެދުމަށް މަޖިލީހަށް ބިލުތައް ޑްރާފްޓު ކުރުމަށްފަހު ފޮނުވާފައެވެ. އަދި ސަރުކާރުގައި ހިނގާ މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދޭ ބިލެއް ވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.