މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދައުލަތުގެ ގާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެގޮތުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރު ކުރުމުގެ ބިލް، މަޖިލީހަށް ފޮނުވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން އެ ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް ކަމަށާއި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހާއި ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު މި މަޤާމާ ޙަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް. އެ ޙާލަތަށް ޤައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާކުރާނެ އިދާރާތައްވެސް ހުރީ ޢާންމު އުސޫލުން ހިނގަހިނގާ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި މުއައްސަސާތައް "ކުޑަކަކޫ" ޖެހުމުން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. ދިވެހި ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ ގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހުގައި އެމަނިކުފާނު ވަނީ ރިޔާސީ ކޮމިޝަނެއް އެކުލަވާލައިފައެވެ. އަދި އެ މައްސަލަތައް ކޮމިޝަނުން ބާރު ސްޕީޑެއްގައި އަންނަނީ ތަޙްޤީޤުވެސް ކުރަމުންނެވެ. މީގެއިތުރުން ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ، ހޯދުމުގެ މަސައްކަތުގައި ބޭރުގެ ވަކީލުންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ދާދިފަހުން އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.