ސިޔާސީ

ނިއުޒިލޭންޑުގެ ޤައުމީ ދުވަހާއި ގުޅިގެން ސަރުކާރުން ތަހުނިޔާ ކިޔައިފި


ނިއުޒީލެންޑާއެކު އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ނިއުޒީލެންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު، ވިންސްޓަން ޕީޓާސްއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖުގައި ވަނީ ނިއުޒިލޭންޑްގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނިއުޒިލޭންޑްގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި ނިއުޒިލޭންޑަކީ އެއް ޤައުމުން އަނެއް ޤައުމަށް ނުހަނު އިޙްތިރާމްކުރާ އަބަދުވެސް ގާތްގުޅުމެއް އޮންނަ ދެޤައުމު ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ރަޙުމަތްތެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމާއިމެދު އުންމީދު ކުރައްވާ ކަމަށް މިނިސްޓަރުގެ މެސެޖުގައިވެއެވެ.

މިމުނާސަބަތުގައި ނިއުޒިލޭންޑްގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލަކާއެކު ދުޅަހެޔޮ ޞިއްޙަތަކަށް އެދި ހެޔޮދުޢާކުރާ ކަމަށްވެސް ފޮރިންގ މިނިސްޓަރުގެ މެސެޖުގައި ބުނެފައިވެއެވެ.