ސިޔާސީ

އިންސާނީ ޙައްޤުތަކާގުޅޭ ކަންކަމަށް އެއްބާރުލުން ދިނުމަށް ތައްޔާރު - ޝާހިދު


އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދީ އިންސާނީ ޙައްޤުތަކަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންސާނީ ޙައްޤުތަކާއިބެހޭ ހައިކޮމިޝަނަރ މިޝެލް ބެޗްލެޓް ފޮނުއްވި ސިޓީއަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ހައި ކޮމިޝަނަރގެ އޮފީހާއި އޮންނަ ގުޅުން ވަރުގަދަކޮށް އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ އުޞޫލުތަކަށް އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެގޮތުން، ވޯރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަން އަދި ވޯރކިންގ ގްރޫޕް އޮން އެންފޯރސްޑް އެންޑް ޑިސެޕެއަރެންސްއާއި މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހައިކޮމިޝަނަރަށް ފޮނުވި ސިޓީގައި މިނިސްޓަރ ވިދާޅުވީ، އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންނަށް ދެއްވާފައިވާ ހުޅުވާލެވިފައިވާ ދަޢުވަތު އަދިވެސް ދެމިއެބައޮތް ކަމަށެވެ.

އެގޮތުން، މިދިޔަ ސަރުކާރުގައި ސްޕެޝަލް ޕޮސީޖަރސް މެންޑޭޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އައުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައި ވީނަމަވެސް، މިސަރުކާރުން އެކަމަށް މަރުޙަބާ ކިޔާ ކަމަށް ވިދާޅުވެ، މިނިސްޓަރ ވަނީ ރާއްޖެއަށް ވަޑައިގަތުމަށް މެންޑޭޓް ހޯލްޑަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރ 17 ގައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން، އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ޖެނީވާއަށް މިމަހު ފަހުކޮޅު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.