ކުޅިވަރު

ހަމްޕު ނިއުއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައިފި


ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ހަމްޒާ މުހައްމަދުގެ ކޮންޓްރެކްޓް އެފްއޭއެމްއިންގެ ޕްލެޔާއަސް ސްޓޭޓަސް ކޮމެޓީން ބާތިލްކޮށްފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒްވެސް ވަނީ މިކަން ޔަގީންކޮށްދީފައެވެ. ޖަވާޒް ވިދާޅުވީ ހަމްޒާ ވަނީ ކޮންޓްރެކްޓް ބާތިލް ކުރުމުގެ އިތުރުން ނިއުއިން އޭނާއަށް ދޭންޖެހޭ މުސާރަވެސް ހޯދުމަށް އެދިފައިކަމަށެވެ. އެފްއޭއެމްގެ ޕްލެޔާއަސް ސްޓޭޓަސް ކޮމެޓީން ހަމްޒާގެ ކޮންޓްރެކްޓް ބާތިލް ކުރުމުން އޭނާއަށް މިހާރު އެހެން ކުލަބްއަކަށް ސޮއިކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ހަމްޒާގެ ކޮންޓްރެކްޓް ބާތިލްކޮށްފައިވާއިރު، ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. 2015ވަނަ އަހަރު ހަމްޒާވަނީ ނިއުއާކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނިއު އަދި ގައުމީގެ މުހިންމު ދައުރެއް އަދާކުރަމުންދާ ހަމްޒާ މުހައްމަދު ހޯދުމަށް މާޒިޔާ، އަދި ޓީސީ ސްޕޯޓްސް ކުލަބްއިންވެސް މަސައްކަތް ކުރަމުންދާކަމަށް ހަމްޒާ މަޢުލޫމާތުދެއެވެ. ހަމްޒާބުނީ މިއަހަރުގެ ސީޒަންގައި ކުޅޭނެ ކުލަބްއެއް އަދި ނުނިންމާކަމަށާއި މިއަހަރު ކުޅޭނެ ކުލަބްއެއް ނިންމުމުގެ ކުރިން މުސާރައިގެ އިތުރުން ފުރަތަމަ 11ގައި ކުޅެވޭނެ ކުލަބްއަކަށް އިސްކަންދޭނެކަމަށެވެ.