ސިޔާސީ

އަދީބު ޑޮކްޓަރަށް ދެއްކުމަށްފަހު ކޯޓަށް ގެންދިއުމުން އާއިލާއިން ކަންބޮޑުވެއްޖެ


އާއިލާއަށް އަންގާލުމަކާއި ނުލައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދެއްކުމަށްފަހު އަޑު އެހުމަކަށް ކޯޓަށް ހާޒިރުކުރި މައްސަލައިގައި އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި އަދީބު މާފުށީ ޖަލުގެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭނާ ޖަލު ބަންދުގައި ހުންނައިރު އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދޭ ކަމަށް ބުނެވެސް އާއިލާގެ ފަރާތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އަދީބަށް ތަފާތުކުރުން ނުގެންގުޅޭ ކަމަށް ބުނެފައެވެ.

އަދީބުގެ އަންހެނުން މަރިޔަމް ނަޝްވާ މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަދީބާއި ދޭތެރޭ އަމަލުކުރަމުންދަނީ ޑޮކްޓަރުން ލަފާދީފައިވާ ގޮތަށްތޯ ސުވާލު އުފައްދާފައެވެ. ނަޝްވާ ވަނީ އަދީބު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެންމެ އެކަށީގެންވާ ގޮތަށް އެކަން ކުރަމުންނުދާ ކަމަށް ބުނެ އެކަމާވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި، ސިޔާސީ ހައްޔަރީންގެ ގޮތުގައި ޖަލުތަކުގައި ތިބި ގައިދީންނާ އަދީބާ ތަފާތު ކުރުން ގެންގުޅޭ ކަމަށްބުނެ އޭނާގެ އާއިލާއިން އަންނަނީ މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.