ސިޔާސީ

ރައީސް މައުމޫންގެ ދެކަނބަލުން ޕީޕީއެމުން ވަކިވެއްޖެ


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ.

ރައީސް މައުމޫނުގެ ދެކަނބަލުން މިއަދު ވަނީ ޕީޕީއެމުން ވަކިވުމަށް އެދި އެޕާޓީގެ ރަޖިސްޓްރާއަށް ސިޓީއެއް ފޮނުވާފައެވެ.

ރައީސް މައުމޫނު ޕީޕީއެމްގެ ރަޖިސްޓްރާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ 2016ވަނަ އަހަރުގެ އޮކްޓޫބަރު 16ވަނަ ދުވަހުން ފެށިގެން އެޕާޓީ ހިންގަމުން ގޮސްފައިވަނީ އަދި މިހާރުވެސް ހިންގަމުންދަނީ ޕާޓީގެ އަސާސީ ޤަވައިދާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެފައިވަނީވެސް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ރައީސް މަޢުމޫން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަކިކޮށްފައިވާ ކަމަށްބުނެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އިޖުރާޢަތްތަކާއިވެސް ޚިލާފަށް ކަމަށާއި އެހެންކަމުން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށް އެމަނިކުފާނު ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް މަޢުމޫންގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް މަޢުމޫން ވިދާޅުވީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގެ މަޤްސަދުގައި އެމަނިކުފާނު އިސްވެހުރެ އުފެއްދި ޕާޓީގެ މަޤްސަދުތައް މިއަދު ހާސިލްކުރެވެމުން ނުދާ ކަމަށެވެ. އަދި ޕާޓީގެ އެންމެހާ ކަންކަން ކުރިއަށްގެންދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އަދި ޕީޕީއެމްގެ އަސާސީ ޤަވައިދާވެސް ޚިލާފަށް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ގެއްލުންހުރި އެންމެހާ ކަންކަމުން ދުރުވެގަތުމަކީ ލިބޭ އުފަލެއް ކަމަށް ރައީސް މަޢުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާޙީމް ޕީޕީއެމަށް ފޮވުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެޕާޓީގައި އެކަމަނާ އެޕާޓީގައި ހުންނަން ބޭނުންފުޅު ނުވާ ކަމަށާއި އެހެންކަމުން އެޕާޓީން ވަކިކޮށްދިނުމަށް އެދޭކަމަށެވެ.

ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީޕީއެމުން އެ ދެކަނބަލުން ވަކިވިއިރު، ސަރުކާރުގައި ތިއްބެވި ރައީސް މައުމޫނަށް ތާއީދުކުރާ ތިން މިނިސްޓަރަކުވެސް ވަނީ ޕީޕީއެމްގެ ދަފްތަރުން ވަކިވުމަށް ސިޓީ ފޮނުވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެންބަރުންވެސް އަންނަނީ ޕީޕީއެމުން ވަކިވުމަށް އެދި ސިޓީ ފޮނުވަމުންނެވެ.