ޚަބަރު

ފީނަން ގޮސް އުޅުނު ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ


ބ. އަތޮޅު ރަންގިލި ފަޅުތެރޭގައި ފީނަން އުޅުނު ޒުވާނަކު 30 މީޓަރު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ބ.ތުޅާދޫ، ފޮނިލުނބޯގެ 21 އަހަރުގެ ޔާފިއު ހުޞައިނެވެ. އެމްއެންޑީއެފުން ބުނީ ފީނަން ގޮސް އުޅެނިކޮށް މަރުވި ޒުވާނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 15:47 ހާއިރު ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި ތުޅާދޫއާ ކައިރީގައި އޮންނަ ފިނޮޅު ރިސޯޓުގެ 3 ޑައިވަރުންނާއި ކޮކޯ ޕާމްގެ 1 ޑައިވަރަކު އަދި ވައްކަރު ރިސޯޓުގެ ޑައިވަރުންވެސް އެސަރަޙައްދުގައި ހަރަކާތްތެރިވިއެވެ. 30 މީޓަރު އަޑިން އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ވައްކަރު ރިސޯޓުގެ ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މަރުވި ޒުވާނާގެ ހަށިގަނޑު މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީގައި ތުޅާދޫއަށް ވަނީ ގެންގޮސްފައެވެ.