ވިޔަފާރި

ބީއެމްއެލް ލުއިލޯނު ދޫކުރާ އެންމެ މަތީ މިންވަރު 300،00ރ އަށް އިތުރުކުރަނީ


ބީއެމްއެލުން ލުއި ލޯނު ދޫކުރާ މިންވަރު 300،000 ރުފިޔާ އާއި ހަމަޔަށް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ދަރަނީގެ ވަނަވަރަށް އެދެވޭ ހިދުމަތް ތައަރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މިހާރު ބީއެމްއެލްއިން ދޫކުރާ ލުއިލޯނުގެ އެންމެ މަތީ މިންވަރު 300،000 ރުފިޔާއަށް އިތުރުކުރުމަށް ނިންމައި އެކަމާގުޅޭ މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނަށް ހާއްސަ އިތުރު ލޯނު ސްކީމްތަކެއް ތައާރަފް ކުރުމާއި، ބޭންކުން ދޭ އެހެނިހެން ލޯނުތަކަށްވެސް ރަގަނޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

" ލޯނާއި ގުޅޭ ކަންކަމުގައި ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ލުއިތަކެއް ހޯދަދީފަ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ދެމުން ގެންދާ 15،000 ރުފިޔާގެ ލުއި ލޯނު، ދޭ މުއްދަތު ފަސްދުވަހަށް ކުޑަކުރެވިފައިވޭ. އެއީ އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއިން އެލިބުމާއެކު އެޕްރޮސެސް އޮޓަމޭޓްކުރެވިގެން. ދަރަނީގެ މައުލޫމާތު އެނގޭނޭ މިފަދަ ޚިދުމަތެއް ޤާއިމްކުރެވުމަކީ މި ދާއިރާއަށް ލިބިގެންދާނޭ ކުރިއެރުމެއް." ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.

ޝަރީފުގެ ވާހަކައިގައިވަނީ ކްރެޑިޓް ހިސްޓްރީ އާންމު ފަރާތްތަކާއި، ކުންފުނިތަކަށް އަމިއްލަޔަށް ނެގުމުގެ މަގުފަހިކޮށްދިނުމުގެ ސަބަބުން ލޯނަށް އެދޭ ކަސްޓަމަރުންނަށާއި ބޭންކުތަކަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނޭކަން ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމަށް މިވަގުތު ބޭނުންވާ ފަދަ އީޖާދީ އަދި ޒަމާނީ ބަދަލެއްކަމަށް ޝަރީފް ވިދާޅުވިއެވެ.