ޚަބަރު

ރާޑަރުތައް ބަލަހައްޓާނީ ދިވެހި ސިފައިން - އެމްއެންޑީއެފް


އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ބަހައްޓާ ރާޑަރުތައް އޮޕަރޭޓް ކުރުމާއި އެ ރާޑަރުތައް ބެލެހެއްޓުމުގެ ކޮންޓްރޯލް އޮންނާނީ ދިވެހި އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށް ޤައުމީ ދިފާއީ ބާރު އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ކޯސްޓް ގާރޑް ބިލްޑިންގގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ބަހައްޓާ ރާޑަރުތައް ބަލަހައްޓާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރުގެ ދަށުން ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވާނީ ހަމަ އެކަނި އެ ރާޑަރުތައް އިންސްޓޯލް ކުރުމަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހަރުކޮށްފައި ހުރި ރާޑަރެއް ބަލަހައްޓަންވެސް އިންޑިއާ ސިފައިންގެ މީހަކު ނުހުންނާނެ. މިހާރު ރާޑަރުތައް ހުރި ތަންތަނުގައިވެސް ހަރަކާތްތެރި ވަމުންދަނީ ސީދާ ދިވެހި ސިފައިން." އަބްދުއްލަތީފް ވިދާޅުވިއެވެ.

މި ރާޑަރު ސިސްޓަމުގެ މުހިންމުކަން ފާހަގަ ކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ގާނޫނާއި ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރުމާއި ހުއްދަނެތި ތެޔޮ ބޯޓްތައް އެތެރެވުން ފަދަ ނޭދެވޭ މައްސަލަތައް ކޮންޓްރޯލް ކުރެވޭނީ މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ކަމަށެވެ.

"އިންޑިއަން އޯޝަންގައި ވަރަށް ގިނަ ނޭދެވޭ އެކްޓިވިޓީސް ދަނީ ހިނގަމުން. ރާޑަރުތައް އޮޕަރޭޓްކޮށް އޭގެން ރަނގަޅު ޕިކްޗާސްއެއް ފެންނަން ފެށީމާ އީ ޒެޑާ އެކީގައި ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެމުން ދާނެ." ޝަމާލް ވިދާޅުވިއެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ރާޑަރުތައް ބައްހައްޓަން ނިންމާފައި ވަނީ ހއ. އުލިގަމާއި ހދ. މަކުނުދޫއާއި ލ. ކައްދޫގެ އިތުރުން އައްޑޫ ސިޓީ ގަމުގައެވެ. އޭގެ ތެރެއިން ތިން ތަނެއްގައި ބަހައްޓާފައިވާ ރާޑަރުތައް އޮޕްރޭޓް ކުރަން ފަށާފައިވާއިރު، އެހެން ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް ވިދާޅުވެއެވެ.