ޚަބަރު

ޓޫރިސްޓުންނަށް ޙިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކުރަން މާދަމާ ފަށަނީ


ޓޫރިސްޓުންނަށް ޙިދުމަތްދޭ ހުރިހާތަނެއް އިންސްޕެކްޓްކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 7 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ޓޫރިސްޓުންނަށް ޙިދުމަތްދޭ ހުރިހާތަނެއް އިންސްޕެކްޓްކުރާނެކަމަށެވެ. 7 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އިންސްޕެކްޝަނުގައި އަލިފާނުގެ ޙާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަލާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މި އިންސްޕެކްޝަން އެންމެ ފުރަތަމަ ފެށާނީ ބޮޑުތިލަދުންމަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި އިންސްޕެކްޝަނުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނެއްހުރީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލުންކަމަށާއި މިކަން ކުރަނީ އެންމެން ގުޅިގެން ދާއިރާގެ ކަންކަން ކުރިއެރުވުމަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މި އިންސްޕެކްޝަން ނިމިގެންދާއިރު ޙިދުމަތްދޭ ތަންތަނުގެ ހުރިހާ ކަމެއް ދެނެގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ދެކެއެވެ.