ކުޅިވަރު

އީގަލްސްއިން ފަހަތުން އަރާ އޭދަފުށި ބަލިކޮށްފި


ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރާ ކްލަބް އީގަލްސް އިން ކްލަބް އޭދަފުށި ބަލިކޮށްފިއެވެ.

އީގަލްސްއިން މިމެޗް ކާމިޔާބު ކުރީ 3-1 އިން. މެޗުގެ 15 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭދަފުއްޓަށް ލީޑު ނަގައިދިނީ އަހުމަދު އައިހަމްއެވެ. އޭދަފުށިން ލީޑް ނެގިތާ މާ ގިނައިރެއް ނުވެ، ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އީގަލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުސައިން އަހުސަމް މޫސާއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެކެއް އެކަކުން ދެޓީމުވެސް އެއްވަރުވެގެންނެވެ.

މި މެޗުގައި އީގަލްސް އިން ލީޑު ނެގީ މެޗުގެ 65 ވަނަ މިނިޓުގައެވެ. މި ލަނޑު އީގަލްސް އަށް ޖަހައިދިނީ އިސްމާއީލް ވިފާޤްއެވެ. އޭގެ ފަސް މިނިޓް ފަހުން އީގަލްސް ޓީމުގެ ހަސަން ރާއިފް އަޙުމަދަށް ކުރި ފައުލަކާ ގުޅިގެން އޭދަފުށީ ޓީމްގެ އައިހަމް އަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އީގަލްސްގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ހަސަން ރާއިފް އަޙުމަދެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލަބް އީގަލްސްގެ ކޯޗު އަހުމަދު ނިމާދު ބުނީ، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭކަމަށެވެ. އަދި މިފަހަރު މުބާރާތުގައި ޓީމު ލައްވާލީ އެންމެ ވަރުގަދަ ގްރޫޕްގައި ކަމަށާއި، އެހެންކަމުން މޮޅަކާއެކު މުބާރާތް ފަށައިގަނެވުމުން ހިތްހަމަޖެހޭކަމަށެވެ.

މެޗުން ބަލިވި ކްލަބް އޭދަފުށި ޓީމުގެ ކޯޗު އާފިއު މުހައްމަދު ހާމިދު ބުނީ، ފުރަތަމަ މެޗަށް ބަލާއިރު ނަތީޖާ ރަނގަޅުކަމަށެވެ. އާފިއު ބުނީ މި މެޗުން ޓީމު ބަލިވާން ދިމާވި މައްސަލައަކީ ވެލި ދަނޑުގައި ޕްރެކްޓިސް ކުރުމަށްފަހު މާލެ އައިސް ވިނައިގައި ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނެސް ލެވެލް ދައްވުންކަމަށެވެ.