ޚަބަރު

ފުލުހުންގެ އޮޕަރޭޝަންތަކަށް ނޮންލީތަލް ހަތިޔާރު ފޯރުކޮށްދީފި


ފުލުހުންގެ އޮޕަރޭޝަންތަކަށް ބޭނުންވެގެން ހޯދަން އެދުނު ނޮންލީތަލް ހަތިޔާރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ފުލުހުންނަށް ފޯރުކޮށްދީފިއެވެ.މޯލްޑިވްސް ޕޮލިސްއިން ބުނީ ފުލުހުންގެ ގާނޫންގައި ފުލުހުންނަށް ހުއްދަކޮށްފައިވާ ނޮންލީތަލް ހަތިޔާރު ފުލުހުންނަށް ފޯރުކޮށްދިންކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު  ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ.މިބައްދަލުކުރެއްވުމުގައި ސީޕީ ހުސައިން ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ރަށުތެރޭގެ އަމާންކަމާ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.އަދި ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމުގެ މުހިއްމުކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.އަދި މީގެ އިތުރުންވެސް ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއްވެސް ކުރުންމަތީ ދެމި ތިބުމަށްވެސް މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.