ވިޔަފާރި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު ޒިންމާދާރު ކުރެވޭނެ ޤާނޫނީ ނިޒާމެއް ޤާއިމްކުރަންޖެހޭ - ފިނޭންސް މިނިސްޓަރު


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ބޯޑު ޒިންމާދާރު ކުރެވޭނެ ޤާނޫނީ ނިޒާމެއް ޤާއިމްކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ގޮވާލައްވައިފިއެވެ.
ސަރުކާރާއި، ޢާންމު ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ހާމަކޮށްދޭ ޕޯޓަލް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ކުރީ ސަރުކާރުތަކުގައި ފެނިގެން ގޮސްފައިވަނީ ދައުލަތާއި ސަރުކާރުގެ މާލީ ކަންކަން ހިފަހައްޓާ ސިއްރުކުރި މަންޒަރުކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކޮށް ހެޔޮ ވެރިކަމެއް ކުރަން ބޭނުންނަމަ، ސަރުކާރު ކުންފުނިތަކުގެ ބޯޑު މެމްބަރުން ޒިންމާދާރު ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ދާއިރާ ރަނގަޅުކުރަންޖެހޭކަމަށެވެ. ފާއިތުވެދިޔަ ތަނުގައި ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންތަކާއި އެހެނިހެން ގޯސް ނިންމުންތައް ފެނިގެން ގޮސްފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިންކަމަށާއި، އެހެންކަމުން ކުންފުނިތަކުގެ ހިންގުމުގެ ދާއިރާއާއި، މާލީ ހިސާބުތައް ރައްޔިތުންނަށް ފެންނާނެގޮތެއް ހަމަޖެހިއްޖެނަމަ، އެފަދަ ނުރަނގަޅު ކަންކަން މަދުކުރެވޭނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ
ހެޔޮ ވެރިކަމަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ބޯޑު ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަކީ މުހިންމުކަމެއްކަމަށާއި، ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންތައްތަކަށް އެމީހުން ޖަވާބުދާކުރުވަންޖެހެއެވެ. ފިނޭންސް މިނިސްޓަރަށް އެންމެ އުނދަގޫ އެއްކަމަކީ އެފަދަ ފަރާތްތަކުން ކުރާ ކަންކަމުގެ ސަބަބުން ދައުލަތައް ލިބޭ ގެއްލުންތަކުގައި ޖަވާބުދާރީ ކުރެވޭނޭ ނިޒާމެއް ނެތުންކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ވަނީ، ކުންފުނިތަކުގެ އިސް ޑައިރެކްޓަރުން ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހުން ކަމާއިގުޅޭ ޤާނޫނުތަކަށް ބަދަލުގެންނަން ޖެހޭކަމަށް ވިދާޅުވެފައެވެ.

"
އަސްލު ހަޤީޤަތުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެންމެ އުނދަގޫވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކޮށްފަ، ދައުލަތަށް ބޮޑެތި ގެއްލުންތަކެއްދީފަ. އެފަރާތްތައް ޒިންމާދާރުކުރެވޭނެ މެކޭނިޒަމެއްނެތުން. ބޯޑު މެމްބަރުން ޒިންމާކުރެވޭނެ ނިޒާމެއް ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ
ފިނޭންސް މިނިސްޓަރު އަމީރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިސާބުތައް ރައްޔިތުންނަށް ފެންނާނެހެން ޢާންމުކުރުމަށްވެސް ގޮވާލައްވާފައެވެ.
ފިނޭންސް މިނިސްޓަރު އަމީރު މިގޮތަށް ގޮވާލައްވާފައިވާއިރު، ފިނޭންސް މިނިސްޓްރީން ގެންދަނީ، ސަރުކާރުގެ މާލީ ހާލަތާއި ދަރަނީގެ ހާލަތު އަންގައިދޭ މާލީ ރިޕޯޓު ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު އާއްމުކުރަމުންނެވެ.