ޚަބަރު

ކުންފުނިތަކުގެ މާލީ ޙާލަތު ފެންނާނެ ޕޯޓަލްއެއް ޤާއިމުކޮށްފި


ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މާލީ ޙާލަތު ފެންނަނެ ޕޯޓަލްއެއް ޤާއިމްކޮށް، ރާއްޖޭގާއި މަސައްކަތްކުރާ އެކައުންޓެންޓުންގެ ދަފްތަރެއް، އޮޑިޓް އޮފީހުން އެކުލަވާލައްވައިފިއެވެ. މިޕޯޓަލްއާއި ދަފްތަރު އިފްތިތާޙްކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަޙްމަދު ނާޝިދެވެ.

"ވުނަވިޔަ ޕޯޓަލް"ގެ ނަމުގައޮ އޮޓިޑް އޮފީހުން އެކުލަވާލި ޕޯޓަލްއަކީ ސަރުކާރުގެ ކުންފުނިތަކާއި، ޢާންމުން ޙިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކާއި މާލީ ޙާލަތު ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. މިޕޯޓަލްއިން ވިޔަފާރިތަކުގެ ހިސާބުތައްވެސް ދައްކުވައިދޭނެކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. މިޕޯޓަލް އިފްތިތާހްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން އެކުލަވާލި "ވިޔަވެރި ޑައިރެކްޓްރީ"އަކީ ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އެދާއިރާއިން ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން ޝަމިލްވާނެހެން ތައްޔާރުކޮށްފައިވާ އެކައުންޓެންޓްގެ ޚާއްޞަ ދަފްތަރެކެވެ. މި ޑައިރެކްޓްރީ އިފްތިތާޙްކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ވިޔަފާރިއެއްގައި އެންމެ މުހިންމު އެއްކަމަކީ ސައްޙަ މަޢޫލޫމާތު ލިބެން ހުރުންކަމަށެވެ. އެހެންކަމުން މި އިފްތިތާޙުކުރި ޕޯޓަލްއާއި ޑައިރެކްޓްރީއަކީ ދައުލަތާއި ރައްޔިތުންނަށް އަދި ވިޔަފާރިވެރިންނަށް ވަރަށް ބޭނުންތެރި ދެ ވަސީލަތްކަމަށާއި، މިކަމުގެ ސަބަބުން އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެކަމަށެވެ. އަދި ކުންފުނިތަކުގެ މާލީ ޙާލަތު އެނގިގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ. އޮޑިޓަރ ޖެނެރަލް ވަނީ ޕްރޮފެޝަނަލް އެކައުންޓެންޓް ބޮޑީގެ ބިލް މިހާރު ރިވިއުކޮށް ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާކަން ފާހަގަކުރައްވާ މިއަހަރުގެ ތެރޭގައި ޤާނޫނަކަށްވެ އެކްއުންޓޭންޓުންގެ އިންސްޓިޓިއުޓެއް ޤާއިމްކުރެވޭނެކަމަށް ވިދާޅުވެފައެވެ.

"ކުރިމަގުގައި މި ދައިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރަސްމީކޮށް އަންގާ އެންގުންތަކާއި ޙިއްސާކުރެވޭ ރިސޯސަސްތައް ޢާންމުކުރެވިގެންދާނީ މި ޕޯޓަލް މެދުވެރިކޮށް. މިކަމުގެ ޒަރިއްޔާއިން ސަރުކާރައި ރައްޔިތުންނަށާއި، ތަޢުލީމީ ދާއިރާއަށާއި، ޚާއްޞަކޮށް ދަރިވަރުންނަށާއި ބައިނަލްއަޤްވާމީ އިދާރާތަކާއި އިންވެސްޓަރުންނަށްވެސް ފަސޭހަކަމާއެކު މަޢުލޫމާތު ލިބިގެންދާނެ" އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވިއެވެ.

މި ރަސްމިއްޠާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެހެންކަމަށެވެ. އެހެންކަމުން މިސަރުކާރުން އެކަމަށް އިސްކަންދޭފަދައިން ސަރުކާރާއި އަމިއްލަ ފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ މާލީ ޙާލަތު ރައްޔިތުންނަށް ފެންނާނެހެން ހުރުމަކީ ސަރުކާރު ހިންގުމަށާއި، އެފަދަ ތަންތަނަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވާނެކަމެއްކަމަށެވެ.

"މި ސަރުކާރުގެ ވަރަށްމުހިންމު ސިޔާސަތެއް އޯޕެން ޕޮލިސީއަކީ. އަޅުގަނޑުމެން މިދަނީ ދައުލަތުގެ ދަރަނީގެ ހިސާބުތަކައި ދައުލަތުގެ ފިޒްކަލް ޑޭޓާ ކޮންމެހަފްތާއަކު އަދި ކޮންމެ މަހަކު އެއްފަހަރު ރައްޔިތުންނަށް ފެންނަނާނެހެން ޝާޢިޢުކުރަމުން. އެއީ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ސަރުކާރުން ކުރާ ކަންތަޚާއި ޚަރަދުތައް އެއްވެސް ސިއްރެއްނެތި ފެންނަން ހުންނާ. ރައްޔިތުންނަށް އިތުބާރު ކުރެވޭ ކަންކަންކުރުން. އޮޑިޓްއޮފީހުން އެކުލަވާލި މި ޕޯޓަލް އަދި ޑައިރެކްޓްރީގެ ސަބަބުންވެސް ހާމަކަން ބޮޑުކޮށް މާލީ ތަފާސް ހިސާބުތައް ފެނުމުން ހިންގުމުގެ ނިޒާމް ރަނގަޅުވާނެ"

އޮޑިޓް އޮފީހުން ޤާއިމްކުރި ވުނަވިޔަ ޕޯޓަލްއިން، 2013ވަނަ އަހަރުންފެށިގެން އޮޑިޓް އޮފީހުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ފެންނަނެކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ. އަދި އެކައުންޓެންޓުންގެ ދަފްތަރުގައި ރާއްޖޭގައި މި ދާއިރާގައި މަސައަކަތްކުރާ އަދި ކިޔަވަމުންދާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އޮޑިޓް އޮފީހުން ވިދާޅުވެއެވެ.