ސިޔާސީ

މަޖިލީހުގެ އިތުރު މެންބަރުންތަކެއް ޕީޕީއެމްއާއި ގުޅެނީ - ނިހާން


ވަރައްއަވަހަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކެއް ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.މިއަދު ޕީޕީއެމްއާއި އެމްޑީއޭގެ ގުޅިފައިވާ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން  ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދޭނެ ގޮތެއް ނޯންނާނެކަމަށާއި، އިދިކޮޅު ޖުމުހޫރީ ޕާޓީއާއި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް ކައިރި މުސްތަގްބަލެއްގައި ޕީޕީއެމާ ގުޅިވަޑައިގަންނަވާނެކަމަށެވެ. އަދި އެއާއެކު ޕީޕީއެމް އެމްޑީއޭގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަދަދު 55 އަށް އަރާނެކަމަށް ނިހާން ވިދާޅުވިއެވެ.ޕީޕީއެމް އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދިފާއުގައި މެމްބަރުން އައްޑަނައަކަށްވެގެން ތިބޭނެކަމަށެވެ.އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ވެރިކަން ބަދަލުކުރެވޭނެގޮތް ގާނޫން އަސާސީގައި ބަޔާންކޮށްފައިވަނިކޮށް އެއާއި ޚިލާފަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމުގެ ތުހުމަތު ކުރެވެމުންދާކަމަށެވެ.މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީ އާއި އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުން ނާންނާނެ ގޮތަކަށް ކުރާކަށް އެދެޕާޓީގެ ޕާލަމެންޓްރީ ގުރޫޕަކުން ޖާގައެއް ނުދޭނެކަމަށްވެސް ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ ރިޔާޒް ރަޝީދު ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ އިހްތިޖާޖަކީ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށް ކުރަމުންދާ ކަމެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެފަދަ ކަންކަން ކާމިޔާބު ނުވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.