ޚަބަރު

"އަފިރިންގެ ނޭޗަރ ޕާރކް"ގެ ހިތްގައިމުކަން އަޒަލް އާއި ޝަހުދާންގެ ދުލުން


އައްޑޫ ސިޓީ ނޭޗަރ ޕާރކުގެ ހިތްގައިމުކަން ބަޔާންކޮށްދީ "އަފިރިންގެ ނޭޗަރ ޕާރކު" މި ނަމުގައި ޚާއްސަ ލަވައެއް ނެރެފިއެވެ.

މި ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްއިން ވިދާލި ޙަސަން ޝަހުދާން އާއި އައިޑަލްގެ ތިންވަނަ ސީޒަން ކާމިޔާބުކުރި އައިޝަތު އަޒަލް ޢަލީ ޒާހިރެެވެ.

މިއީ އައްޑޫ ސިޓީ ހިތަދޫ ޗަމްޕާޕޫލުމާގޭ އާތިފާ ސަޢީދުގެ ފަރާތުން އައްޑޫ ނޭޗަރ ޕާރކަށް ހަދިޔާކޮށްފައިވާ ލަވައެކެވެ. މި ލަވަ ތައްޔާރުކުރުމުގައި ބައިވެރިވި ހުރިހާ ފަންނުވެރިންވެސް މަސައްކަތްކޮށްފައިވަނީ އައްޑޫ ނޭޗަރ ޕާރކަށާއި މުޅި އައްޑޫ ސިޓީއަށް ޚިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ހިލޭ ސާބަހަށްކަމަށް އެ ފަރާތުން ބުނެއެވެ.

އަޒަލް އާއި ޝަހުދާންގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ މެލޮޑީ ހަދާފައިވަނީވެސް މި ދެ ފަންނާނުނެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ފާތުމަތު ސަޢީދެވެ. ނޭޗަރ ޕާރކުގެ ހިތްގައިމުކަމާއި އެތަނަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ދައްކައިދޭ މި ލަވައިގެ ވީޑިއޯ ގްރަފީ ހަދާފައިވަނީ ގްރެފައިޓް އައިލެންޑުންނެވެ.

ނޭޗަރ ޕާރކުގެ ފޭސްބުކް ޕޭޖަށް އަޕްލޯޑުކޮށްފައިވާ "އަފިރިންގެ ނޭޗަރ ޕާރކު" ލަވައަށް ސޯޝަލް މީޑިއާގައި އަންނަނީ ބޮޑު މަޤުބޫލުކަމެއް ލިބެމުންނެވެ.

އައްޑޫ ނޭޗަރ ޕާރކަކީ އައްޑޫ ސިޓީ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ އީދިގަލި ކިޅިއާއި، ކޯއްޓޭ ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މިތަން ހުޅުވާފައިވާނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި ޕާރކު ހުޅުވުމާއެކު މިތަނަށް ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.