ސިޔާސީ

ނާޒިމްގެ މައްޗަށް ކުރާ ދައުވާއާ ވިލާ އާއި އެއްވެސް ގުޅުމެއް ނެތް


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއާއި ވިލާ ކުންފުންޏާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ބާނީ ޤާސިމް އިބްރާހިމް ދޮގުކުރައްވައިފިއެވެ.ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ބޭރުގެ ޑިޕްލޮމޭޓުންނާއި މަޝްވަރާކުރެއްވުމަށް އެމް.ޑީ.ޕީ އަދި ޖޭޕީގެ ޓީމެއް އަވައްޓެރި ސްރިލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ދެކޮޅަށް ސަރުކާރުން އުފުލާފައިވާ ދަޢުވާއާއި ގުޅިގެން ސަރުކާރުން ދައްކަވަމުންދާ ވާހަކަތައް ދެކޮޅުނުޖެހޭކަމަށެވެ.އެގޮތުން ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުގެ އިސް ވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ، ވިލާއިން ފަންޑްކޮށްގެން ކަމަށް ބުނެ، އެކުންފުންޏަށް ތުހުމަތުގެ އިނގިލި ދިއްކުރި ދިއްކުރުމަކީކަނޑައެޅިގެން ވިލާ ގްރޫޕް ބަދުނާމުކޮށް، އެމަނިކުފާނުގެ ވިޔަފާރި ފުޑުފުޑުކޮށްލުމުގެ ނިޔަތުގައި ސަރުކާރުން ހިންގި އަމަލެއްކަމަށް ޤާސިމް ވިދާޅުވިއެވެ.ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އެތެރޭގައި ހިނގާކަންކަން ބޭރު ދުނިޔެއްއަށް އޮޅުވާލަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ބައިނަލްއަޤްވާމީ ފަރާތްތަކުން ކަމުގެ ހަޤީޤަތް ބަލަން ބޭނުންވާކަމަށެވެ. އަދި ބައިނަލް އަޤްވާމީ ފަރާތްތަކުގެ ގޮވާލުންތަކަށް ގޮންޖައްސަވައި ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށްބުނެ، ސަރުކާރުގެ ސިޔާސަތުތަކަށް ޝާހިދު ފާޑުވިދާޅުވިއެވެ.އެއް ދުވަހުގެ މުއްދަތަކަށް ލަންކާއަށް ކުރައްވާ މި ދަތުރުގައި އެމް.ޑީ.ޕީއާއި ޖޭޕީގެ ޓީމުން އެޤައުމުގައި ދިރިއުޅޭ އެކި އެކި ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބަވާ ބޭފުޅުންނާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ދެ ޕާޓީން މައުލޫމާތުދެއެވެ.އެމްޑީޕީއާ ޖުމްހޫރީ ޕާޓީން މިހެންބުނިނަމަވެސް ރާއްޖޭގެ ދާޚިލީ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ބައެއް ގައުމުތަކުން ނެރެމުންދާ ބަޔާންތަކަކީ ވަކި ފަރާތަކުން ދައްކަވާ ވާހަކަތަށް އަޑުއަހައިގެން ނެރޭ ބަޔާންތަކެއްކަމަށް ވިދާޅުވެ، އެކަމާއި ކަންބޮޑުވާކަމަށް ދިވެހި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ ވިދާޅުވެފައެވެ.ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ، ދިވެހި ރައްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމެއްކަމަށްވާއިރު، ރާއްޖޭގެ ދާޚިލީ ކަންކަމާއި ބޭރުގައުމުތަކަށް ގޮތްކިޔައި ނުހެދޭނެކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ހުރިހާކަމެއްވެސް ކުރަމުން އަންނަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތެރެއިންކަމަށާއި، އެފަދަ ކަންތައްތަކަށް ބޭރުގެ ފަރާތްތަކަށް އިރުޝާދު ނުދެވޭނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.