ޚަބަރު

ރާޑަރުތައް ބެހެއްޓުމަށް ސޮއިކުރީ ރައީސް ޔާމީންގެ ވެރިކަމުގައި - މާރިޔާ


އިންޑިޔާގެ އަސްކަރީ ރާޑަރުތަކެއް ރާއްޖޭގައި ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑިޔާގެ އަސްކަރީ ރާޑަރުތަކެއް ރާއްޖޭގައި ބެހެއްޓުމުގެ ކަންކަން ހިނގާދިޔަ ގޮތް ރާއްޖެއާއި އިންޑިއާގެ މީޑިއާތަކަށްވެސް ކޮންމެވެސް ވަރަކަށް އޮޅިފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުން ދަނީ ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމަކަށް ޢަމަލު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެއާއި އިންޑިޔާގެ މީޑިއާތަކަށް މި ކަންތައް ވަނީ އަސްލަށްވެސް އޮޅިފައި. މި އެއްބަސްވުމުގައި ސޮއި ކުރީ ރައީސް ޔާމީން. މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ވެސް ވަނީ ޤާއިމް ކޮށްފައި. މި މަސައްކަތް އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ." މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެފަދަ ރާޑަރުތަކެއް ބެހެއްޓުމަކީ މުހިންމު ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިން ގެއްލިގެން ކުރިމަތިވާ ހިތާމަވެރި ހާދިސާތައް އިންތިހާއަށް އިތުރުވެފައިވާ އިރު ރާއްޖޭގެ ކަނޑުތަކުން ގެއްލިގެން އުޅޭ އުޅަނދުތައް ހޯދުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރާޑަރުތަކުގެ އެހީގައި ރާއްޖޭގެ ސަރަޙައްދުން ބޭރުވާ އުޅަނދު ދެނެގަތުމާއި ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިންކުރާ ފަރާތްތައް ދެނެގަނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ރާޑަރުތައް ބޭނުން ކުރާނީ ހަމައެކަނި ރާއްޖޭގެ އެތެރޭގެ ކަންކަން ބެލުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި އިންޑިޔާގެ ރާޑަރުތަކެއް ބެހެއްޓުމަކީ އެ ޤައުމަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އިންޑިއާއަކީ ސެޓެލައިޓުގެ ޒަރީއާއިން ކަންކަން ބެލުމުގެ ޤާބިލުކަން ލިބިފައިވާ ޤައުމަކަށްވާއިރު އެ ނިޒާމުގެ އެހީގައި މުޅި ސަރަހައްދު ބަލާލުންވެސް އުނދަގޫ ކަމަކަށް ނުވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ ރާއްޖެއަށް މިފަދަ ރާޑަރު ސިސްޓަމެއްގެ ބޭނުން ބޮޑުވެ މިކަމުގެ ސަބަބުން އެތަކެއް ފައިދާތަކެއް ކުރިނަމަވެސް އެއީ ކިހާ ވަރެއްގެ ބޭނުންތެރި މުހިންމު ކަމެއްތޯ ބަލާލުމެއް ނެތި ބައެއް ފަރާތްތަކުން އެކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް އެކަމުގައި އެހެން ވާހަކަތަކެއް ފަތުރަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.