ސިޔާސީ

މަޖިލިސް އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ


އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގެޒެޓްކޮށް ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މަޖިލިސް އިންތިހާބުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ ފަރާތަކަށް ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމީހަކީ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ އެމީހެއްގެ ގައިގައި ހުންނަން ޖެހޭނެ ކަމަށާއި، އެފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ޤާބިލް އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެ ކަމަށެވެ.

އީސީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހުގެ 14ވަނަ ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު ކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. ނުވަތަ އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުވުމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.