ސިޔާސީ

ލޭބަރ ޕާޓީން މަޖިލީހުގެ 11 ދާއިރާއަކަށް ވާދަކުރަނީ


އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަހެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބަރ ޕާޓީ)އިން 11 ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.

ލޭބަރ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިވަގުތު އެޕާޓީން 11 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި އެ ދާއިރާތަކަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ. ނަމަވެސް އެޕާޓީން ވަނީ ވާދަކުރާ ދާއިރާތައް އާންމުކޮށްފައެވެ.

  • ލޭބަރ ޕާޓީން ވާދަކުރާ ދާއިރާތައް:
  • * ހދ. ނޮޅިވަރަމް ދާއިރާ
  • * ށ. މިލަންދޫ ދާއިރާ
  • * ޅ. ހިންނަވަރު ދާއިރާ
  • * ބ. އޭދަފުށި ދާއިރާ
  • * އދ. މާމިގިލި ދާއިރާ
  • * ތ. ކިނބިދޫ ދާއިރާ
  • * ގއ. ދާންދޫ ދާއިރާ
  • * ސ. މީދޫ ދާއިރާ
  • * ވިލިމާލެ ދާއިރާ
  • * ހުޅުމާލެ ދާއިރާ
  • * ހެންވޭރު ދެކުނު ދާއިރާ

ނޫސް ބަޔާނުގައި ބުނެފައިވަނީ މިވަގުތު 11 ދާއިރާއެއް އިއުލާނުކުރި ނަމަވެސް، އިތުރު ދާއިރާތަކުން ވާދަކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު އެޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ލޭބަރ ޕާޓީން ވަނީ ބުނެފައެވެ.

ނޫސް ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ލޭބަރ ޕާޓީ ތަމްސީލުކުރުމަށް ފުރުސަތު ދިނުމުގައި މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ދެމިތިބޭނެ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. ހަމައެއާއެކު އެފަރާތްތަކާއި ލޭބަރ ޕާޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށްވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އަލަށް އުފެއްދި ލޭބަރ ޕާޓީން މަޖިލިސް އިންތިޚާބުގައި 11 ދާއިރާއަކަށް ވާދަކުރާނެ ކަމަށް ބުނެފައިވާއިރު އަލަށް އުފެއްދި އެމްޓީޑީން ވެސް ވަނީ އެޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައެވެ.