ކުޅިވަރު

ކުރިއަށް އޮތް ސީޒަނުގައި ދަނގަޑޭ ޓީސީން ނުފެންނާނެ!


ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކުރިއަށް އޮތް ސީޒަނުގައި ޓީސީން ނުފެންނާނެ ކަމަށް އެކުލަބުން ބުނެފިއެވެ.

ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން ޓީސީގެ އިސް އޮފިޝަލަކު މިކަން ކަށަވަރުކޮށްދެމުން ބުނީ ހުސްވި އަހަރުގެ ފަހު ބައިގައި އެ ޓީމާ ގުޅުނު ފޯވަޑް ޓީމަށް ކޮށްދީފައިވާ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނިއު ދޫކޮށް ދަގަނޑޭ ޓީސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ މެދު ޓްރާންސްފާގައެވެ. އޭނާ ވަނީ ޓީސީ އަށް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް ލީގު ޗެމްޕިއަންކަން ޓީމުން އާ ސީޒަނަށް ތައްޔާރުވާއިރު ދަގަނޑޭ ފެނުން އެންމެ ގާތް އެއް ކުލަބަކީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. ދަގަނޑޭ ވަނީ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ވެސް ހޯދައިފައެވެ.

ޓީސީން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރަމުންނެވެ. މި ގޮތުން ގެންދިޔަ އެންމެ މުހިންމު ކުޅުންތެރިއަކީ ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީއެވެ. އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްދެއްކި ހަމްޒާ މުހައްމަދު (ހަމްޕު) ޓީސީ އަށް ގެންދިޔުމުގެ މަސައްކަތްވެސް އެޓީމުން އަންނަނީ ކުރަމުންނެވެ. ހަމްޕުގެ ސޮއި ހޯދުމުގައި ޓީސީގެ އިތުރުން މާޒިޔާ އިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.