ސިޔާސީ

ނަޝީދަށް ފުލުހުން އަނިޔާކުރި ކަމަށްބުނާ މައްސަލަ ފުލުހުން ބަލަނީ


ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ގެންދިއުމުގައި ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތުކޮށް ވާހަކަދެކެވެމުންދާތީ އެކަން ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ، މި ކަމާއި ގުޅިގެން އެދުވަހު ކަންހިގައިދިޔަގޮތާއި މެދު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ބަޔާން ކުށްވެރިކުރާ ކަމަށާއި ރަނގަޅަށް ކަންހިނގިގޮތް ބެލުމަށް ފަހު އެއްޗެއް ބުނުމަށް ފުލުހުންގެ މުއައްސަސާއިން އެދޭ ކަމަށެވެ. އަދި މިބަޔާނާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނާއި މިއަދު ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ނަޝީދު އަށް އެދުވަހު އަނިޔާވިކަމަށް ބުނުމާއި ގުޅިގެން ޑޮކްޓަރަށް ދައްކާ އެކްސްރޭ ނަގުމަށް ފަހު ނަޝީދަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި ނަޝީދާއި، ނަޝީދުގެ ވަކީލުންނަށް ބައްދަލު ނުކުރެވޭކަމަށް ބުނާ ވާހަކަތައްވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ. ނަޝީދުގެ ފަސްވަކީލުންނަށް ނަޝީދާއި ބައްލުކުރުމުގެ ފުރުޞަތު ދެވި މިހާތަނަށް ފަސްފަހަރު ބައްދަލުކުރެވިފައިވާ ކަމަށާއި އާއިލާއަށްވެސް ތިންފަހަރު ބައްދަލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.މާލޭގައި ފަހަކަށްއައިސް ކުރިއަށްދާ އެއްވުންތައް ޞުލްޙަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށާއި ، އެފަދަ އެއްވުންތައް ބުލްހަވެރިކަމާއި އެކު ކުރިއަށް ނުގެންދާނަމަ ރޫޅާލާނެކަމަށާއި އެކަމަށް ވާ ގެއްލުމަށް ޒިންމާ ނުވާނެކަމަށްވެސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތައް ޞުލްޙަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށްޓަކައި އެމްޑީޕީގެ ލިޑަރޝިޕާއި ކޮމިޝަނަރ އިއްޔެ ބައްދަލުކުރައްވާ މަޝްވަރާކުރައްވާ ފައިވާކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ.