ކުޅިވަރު

ލިވަޕޫލާއި ވެސްޓްހޭމް އެއްވަރުވި މެޗަށްފަހު ކޯޗުންގެ ފާޑުކިޔުން ރެފްރީއަށް


ލިވަޕޫލާއި ވެސްޓްހޭމް ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި 1-1އިން އެއްވަރުވި މެޗަށް ފަހު ދެ ޓީމުގެ ކޯޗުން ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޓޭބަލުގެ އެއްވަނާގައި އޮތް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ އޭނާގެ ޓީމުގެ ސާދިއޯ މާނޭ ޖެހި ގޯލު އޮފްސައިޑް ކަމަށް ބުނެ މީހުން ވާހަކަ ދެއްކި އަޑު އެހި ކަމަށެވެ. އަދި އެއީ އޮފްސައިޑް ގޯލެއްކަން ރެފްރީ އަށްވެސް ގަބޫލު ކުރެވޭ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.

ވެސްޓްހޭމްގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ މާނޭ ގޯލު ޖެހިއިރު ހުރީ ދޮޅު މީޓަރު އޮފްސައިޑްގައި ކަމަށެވެ. އަދި މެޗު ނިމެން ދަނިކޮށް ލިވަޕޫލްގެ ޑިވޮކް އޮރީޖީ އަށް ހުސް ފުރުސަތެއް ލިބުނީ ވެސް އޮފްސައިޑް ބޯޅައަކުން ކަމަށެވެ.

ކްލޮޕް ބުނީ ރެފްރީންނަކީ ވެސް އިންސާނުންނަށްވީތީވެ ގޯސް ހެދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ފިފްޓީ ފިފްޓީ ބޯޅަތަކުގައި އަބަދު އެއް ޓީމަކަށް ޖެހުން ދޭން ފެށުމުން އޭނާގެ ކުޅުންތެރިން މާޔޫސްވީ ކަމަށް ކްލޮޕް ބުންޏެވެ.

ރޭގެ މެޗު އެއްވަރުވުމުން ލިވަޕޫލާއި ދެ ވަނާގައިވާ މެންޗެސްޓާ ސިޓީގެ ލީޑް ވަނީ ތިން ޕޮއިންޓަށް ހަނިވެފައެވެ. ނަމަވެސް ކްލޮޕް ބުނީ އެއީ ޕްރެޝަރެއްނޫން ކަމަށާއި މިއީ ގޮންޖެހުންތަކެއް ހުރި އަދި ޝައުގުވެރި ހާލަތެއް ކަމަށެވެ.