ޚަބަރު

މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް


  • ބަނދަރުގެ %83 މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތްތައް

ބ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތްތައްކަމަށެވެ.

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.

މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން 450 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން، 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ %83 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެލްބްލޮކް ޖެހުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތްތައްކަމަށެވެ.

ބ އަތޮޅު މާޅޮހަކީ ބަނަދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަން ފިލައި، އުޅަނދުތައް އަޅާފައި ބާއްވާނެ ތަނަވަސް ބަނދަރެއް ލިބި، ލަފައިފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މިއީ 75.43 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖޭގެ ބަނދަރު ނެތް ބައެއް ރަށްރަށުގައްޔާއި، ބަނދަރު ހަލާކުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި އައު ބަނދަރުތައް ތަރައްޤީކުރުމަށް އެކި ރަށްރަށުގައި އަންނަނީ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމާއެކު، ލަފާފުރުމަށާއި، ރަށްރަށަށް އަރާފޭބުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.