ޚަބަރު

ބައެއް ގޮނޑިތައް އަދާލަތަށް ދޫކޮށްލުމަށް އެމްޑީޕީން މަޝްވަރާކުރަނީ


ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލުމާއި ގުޅޭ ގޮތުން އެމްޑީޕީން މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން ދާދިފަހުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ޢަބްދުﷲ ވަނީ އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އަދާލަތުން ވަނީ އެމްޑީޕީއަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެ ހުށަހެޅުމާއި ގުޅޭ ގޮތުން މާބުލް ހޮޓެލްގައި މިއަދު ވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ.

މިއަދު ހެނދުނު މާބުލް ހޮޓެލްގައި ކުރިއަށްދިޔަ އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޤައުމީ މަޖިލީހުގެ ރޫހަކީ އަދާލަތު ޕާޓީއާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރުން ކަމަށެވެ.

ނަޝީދު ވިދާޅުވީ މިވަގުތު އެއްވެސް ގޮނޑިއެއް ދޫކޮށްލުމުގައި އެޕާޓީގެ ޤައުމީ މަޖިލީހުން ގޮތެއް ނިންމާފައިނުވާ ކަމަށާއި ނަމަވެސް މިހާރުވެސް ދާއިރާތައް ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރުންނާއި އެދާއިރާތަކަށް އިންތިހާބުވެފައިވާ ކެނޑިޑޭޓުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި އަދާލަތު ޕާޓީއަށް ދޫކުރުމަށް ވަކި ދާއިރާތަކެއް ކަނޑައެޅިފައި ނުވި ނަމަވެސް، ފަސް ވަރަކަށް ދާއިރާގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުން އެމަނިކުފާނަށް ރުހުންދެއްވާފައިވާ ކަމަށެވެ. އަދި ދެ ޕާޓީގެ މަޝްވަރާތަކަށްފަހު އެއީ ކޮން ދާއިރާތަކެއްކަންވެސް ހާމަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބައްދަލުވުމުގައި މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި ނުކުތާއަކީ، އެއްވެސް ދާއިރާއެއްގެ ގޮނޑި ދޫކޮށްލުމުގައި މިވަގުތު ގޮތެއް ނިންމެން ނެތުން. އަޅުގަނޑުމެންގެ ޕާޓީއަކީ ވަކިވަކި ގޮނޑިތަކަކަށް ބޭފުޅުން އިންތިހާބުވެފައި ތިބި ނަމަވެސް، ޖުމްލަކޮށް ޕާޓީގެ ފައިދާއަށް ބައްލަވާނެ ގައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުންވެސް. ނަމަވެސް ގައުމީ މަޖިލީހުގެ އެންމެ މެންބަރުންގެ ރުހުމަކީ އަދާލަތާ ގުޅިގެން އިންތިހާބަށް ނުކުތުން." ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއްގެވެސް އޮނިގަނޑު ފެންނަން އޮތުމަކީ މިފަދަ މަސައްކަތް ކުރުމަށް ފަސޭހަވެގެންދާ ކަމެއް ކަމަށާއި، އެގޮތުން އަދާލަތު ޕާޓީ އިންތިޒާމުވެފައިވަނީ އެމްޑީޕީއާއެކު މަސައްކަތްކުރަން ފަސޭހަ ގޮތަކަށް ކަމަށެވެ. އަދި އެޕާޓީން އެމްޑީޕީއާ ގުޅިގެން މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރުމަށް ނިންމީ "އެޖެންޑާ 19" ގައި ހުރި ކަންކަމަށް ފުރިހަމައަށް ތާއީދުކުރައްވާތީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދާލަތަށް ގޮނޑިތައް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު އެމްޑީޕީން ވަނީ މިދިޔަ މަސް ތެރޭގައި އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވާ ދާއިރާތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ. އެހެންކަމުން އަދާލަތަށް ބައެއް ދާއިރާތައް ދޫކޮށްލަން ބޭނުންވާ ނަމަ އެކަމުގައި ގޮތެއް ނިންމަންޖެހޭނީ އެމްޑީޕީ ޤައުމީ މަޖިލީހުންނެވެ.