ޚަބަރު

ޕީޕީއެމްގެ ހިންގުން މައުމޫނަށް ޙަވާލުކުރަން ހުށަހެޅި މައްސަލަ ބާޠިލްކޮށްފި


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ޕީޕީއެމްގެ ހިންގުން ޙަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމްތައް ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.

ޕީޕީއެމްގެ ހިންގުމާއި ގުޅޭގޮތުން ދެ މައްސަލައެއް ޢާއްމު ފަރާތްތަކަކުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އޭގެތެރެއިން އެއް މައްސަލައަކީ ރިޔާސީ އިންތިޚާބަށްފަހު ޕާޓީގެ މުސްތަޝާރުގެ މަޤާމު ހުސްވެފައިވުމުން ޕާޓީގެ ހިންގުން ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ހުށަހެޅި މައްސަލައެކެވެ. ދެވަނަ މައްސަލައަކީ ރިޔާސީ އިންތިހާބަށްފަހު ބޭއްވި ކޮންގްރެސް އިލެކްޝަން ކޮމިޝަނުން އެންޑޯޒްކުރުމަށް ދެކޮޅު ހެދުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި ދެ މައްސަލައިގެ ފައިލްވެސް ސުޕްރީމް ކޯޓުން ވަނީ ނަގާފައެވެ.

އެ މައްސަލައިގެ ފައިލް ނެގުމަށްފަހު ސުޕްރީމް ކޯޓުންވަނީ މިދިޔަ މަހުގެ ތެރޭގައި މައްސަލައިގެ އިޖުރާޢީ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުން ބޭއްވީ އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއްތޯ ބެލުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރީ އެ މައްސަލައިގެ ޢިޖުރާއީ އަޑުއެހުން ބޭއްވި މައްސަލައާ ގުޅޭގޮތަކުން ނޫނެވެ. ސުޕްރީމް ކޯޓުން އިއްވި ޙުކުމްގައި ބުނެފައިވަނީ ސިވިލް ކޯޓަށް ޢާއްމު ދެ ފަރާތަކުން ހުށަހެޅި ދަޢުވާގެ އިބާރާތް ތަފާތުވެފައިވީ ނަމަވެސް ދެ ފަރާތުންވެސް އެދިފައިވަނީ ޕާޓީގެ ހިންގުން ކުރީގެ ރައީސް މަޢުމޫނާއި ޙަވާލުކުރަންކަން އެނގޭ ކަމަށެވެ.

ޙުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުމާއި ގުޅޭގޮތުން 2016ވަނަ އަހަރު ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ސައްޙަ ކަމަށް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ނިންމާފައިވާ ކަމަށެވެ. އަދި ދާދިފަހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޕީޕީއެމްއިން މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް ސައްޙަ ނޫން ކަމުގެ މައްޗަށް ކަމަށާއި ނަމަވެސް ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްޙަ ކަމަށް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް މިހާރު ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް އެކޯޓުންވެސް ނިންމާފައިވާއިރު އެޕާޓީގެ ހިންގުމާއި މެދު ކަންބޮޑުވުމަކީ އިތުރު ފަރުވާއެއް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ ހިންގުން މިހާރު އޮތީ އެޕާޓީގެ ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަތްޕުޅުގައި ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމްގައި ވަނީ ބުނެފައެވެ. އަދި ސިވިލް ކޯޓުން ޕީޕީއެމްގެ މައްސަލައިގައި ޙުކުމެއް ކުރާ ކަމަށްވާނަމަ ޙުކުމް ކުރަންޖެހޭނީ މަތީ ކޯޓުތަކުން ކޮށްފައިވާ ޙުކުމަށް އަސަރު ފޯރާ ގޮތަށް ކަމަށާއި އެކަމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމްގައި ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މަޢުމޫނާއި ޙަވާލުކުރުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ކުރީގެ ރައީސް މަޢުމޫން ވަނީ ސިޔާސީ ޕާޓީއެއް ވަރަށް އަވަހަށް އުފައްދާނެ ކަމަށް ވިދާޅުވެފައެވެ.