މާލޭގެ ހުރިހާ މަގެއްގައި ރޭމް ހެދުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި ކޮންމެ ދުވާރެއްގެ ކައިރީގައި ރޭމްތައް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވަނީ މިިދިޔަމަހުގެ މެދުތެރޭގައެވެ.
ދުވާރަށް އަރާނެ ތަނެއް ނޯންނަގޮތަށް ވެހިކަލްތައް ޕާކުކުރުން އިތުރުވެ ބައެއް ގޭގެއަށް ވަދެނިކުތުމަށް ދަތިވާ ފެށުމުން ބައެއް ސަރައްހައްދުތަކުގައި އަމިއްލަ މީހުން ޕެލެޓްތައް ބަހައްޓަން ފެށިއެވެ. އެއްބަޔަކު ލަކުޑި ޕެލެޓްތައް ބަހައްޓަމުން ދިޔައިރު އަނެއް ބަޔަކު ގެނެސް ގޭ ދޮރުމަތީ ބޭއްވީ ޕްލާސްޓިކް ޕެލެޓެކެވެ. ކޮންމެ ގެއެއްގެ ދޮރުމަތީގައި އެ ޕެލެޓެއް އޮންނަން މަޖްބޫރުވާ ހެން ހިވާ ހިސާބަށް ގޮސް މަގުތައް ޕެލްޓްތަކުން ފުރާލިއެވެ.
މިފަދަ ޕެލެޓްތަކުން ބައެއް މީހުންނަށް އަނިޔާވެ ބައެއް އެހެނިހެން އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން މަގުމަތީގައި ހުރި ޕެލެޓްތައް ނަގައި މަގުގެ އެކި ހިސާބުގައި ރޭމްތައް ހަދަން ސިޓީ ކައުންސިލުން ނިންމިއެވެ. މި މަސައްކަތުގެ ދަށުން ނަމޫނާ ރޭމްޕެއް ހަދާ ސިޓީ ކައުންސިލުން ވަނީ ދައްކާލާފައެވެ. އެހެންނަމަަވެސް ގިނަ ސަރަހައްދުތަކުގައި ރޭމްޕްތައް ހަރުކޮށްފައިނުވާތީ ގެއަށް ވަދަ ނިކުތުމަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން އަނެއްކާވެސް މިވަނީ މާލޭގެ މަގުތަކުގައި ޕެލްޓްތައް ބަހައްޓަން ފަށާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ރޭމްޕްތައް ހަދާނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު އެ ކައުންސިލުން ކުރަމުން އަންނަކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ނިޔާޒް ވިދާޅުވީ ޕެލެޓުތައް އެއް ފަހަރާ ނަގަން ފެށުމުން އެކަމުގައި ޢާއްމުނަށް ދަތިވަމުންދާތީ މިހާރު ނިންމާފައިވަނީ ޕެލެޓުތައް ނަގާ މިންވަރަކުން ރޭމްޕްތައް ހަރުކުރަމުންދާ ގޮތަށް ކަމަށެވެ.
ރޭމްޕްތައް ހެދުމުގައި ދެގޮތެއް ކައުންސިލުން ވިސްނާފައިވާކަމަށާއި އެއީ ރޭމްޕްތައް އެކަނޑައަޅާ ތަނެއްގައި ހެދުން ނުވަތަ ރޭމްޕް ތައްޔާރުކޮށްގެން އެސަރަޙައްދަކަށް ގެންދިޔުންކަމަށް ނިޔާޒު ވިދާޅުވިއެވެ. ރޭމްޕް ހަދަންޖެހޭ ބައެއް ސަރަޙައްދުތަކަކީ ވަރަށް ހަނި ސަރަޙައްދުތަކަށް ވުމުން އެސަރަޙައްދުތަކުގައި ރޭމްޕް ހަދާނެ ޖާގަނެތުމުން ރޭމްޕް ތައްޔާރުކޮށްގެން އެސަރަޙައްދަށް ގެންދަން ނިންމާފއިވާކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ޕެލެޓުތައް ހަރުކުރަން ފަށާނެކަމަށާއި އަދި ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ސަރަޙައްދެއްގައި ރޭމްޕް ހަރުކޮށް ނިމޭނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
މަގުތަކުގައި ބެހެއްޓުމަށް އެންމެ ފުރަތަމަ ސިޓީ ކައުންސިލުން ޑިޒައިންކުރި ރޭމްޕްތަކުގެ މަތީގައި ސައިކަލު ޕާކުރާތީ ފަހުން އެކައުންސިލުންވަނީ ޕާކު ނުކުރެވޭނެގޮތަށް ރޭމްޕްގެ ޑިޒައިން ބަދަލުކޮށްފައެވެ. އަދި ފުރޮޅުލީ ގޮނޑިތަކަށް ހާއްސަކޮށްގެން ވަކި ރޭމްތަކެއް ހަދަންނިންމާފައިވާއިރު ރޭމްތައް މަތީގައި ޕާރކްކުރާ އުޅަނދުތައް ޓޯކުރާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި ޕާރކުކުރުމުގެ މައްސަލަވެސް ބޮޑުވެފައިވާތީ އެމައްސަލައަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.