ސިއްހަތު

ޔުނިސެފާއިއެކު ހެލްތް މިނިސްޓްރީން، ވަރކްޕްލޭނެއްގައި ސޮއިކޮށްފި


ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރުވާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ ޔުނިސެފާއި، ރާއްޖޭގެ ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ޚާއްސަ ވަރކްޕްލޭނެއްގައި ސޮއިކޮށްފިއެވެ.ސިއްޙަތާ ބެހޭ ވުޒާރާގައި އިއްޔެ ސޮއި ކުރި މި ވަރކް ޕްލޭންގެ ދަށުން، މައިމީހާއާއި ތުއްތު ދަރިފުޅު ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ ކާބޯތަކެއްޗާ ފައިދާ ކުރަނިވި ކާނާ ލިބޭނޭ މަގުފަހިކުރުމާ، ކެއުމުގެ ރަނގަޅު އާދަކާދައާއި ބެހޭ މަޢުލޫމާތާއި މިންގަނޑުތައް ތައްޔާރު ކުރުމާ ބެހޭ ގޮތުން ޔުނިސެފްގެ ފަރާތުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.މީގެ އިތުރުން، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ ހަރަކާތްތައް ރާވާ ހިންގާނެ ނިޒާމެއް ހަރުދަނާ ކުރުމާ، މަސްތުވާތަކެއްޗާ އެޗް.އައި.ވީ އެއިޑްސްއިން ކުޑަކުދިންނާއި ޢާންމުން ސަލާމަތް ކުރުމުގެ މޮނިޓަރިންގް ނިޒާމެއްވެސް މި އެއްބަސްވުމުގެ ދަށުން ހަރުދަނާ ކުރިވިގެންދާނެ ކަމަށް ދިވެހި ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.މި ވަރކްޕްލޭންގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ، ސިއްޙަތާ ބެހޭ ވުޒާރާ ހިންގެވުމާ ވަގުތީ ގޮތުން ޙަވާލު ވެ ހުންނެވި، ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީއެވެ.  ޔުނިސެފްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޔުނިސެފްގެ ރެޕްރެސެންޓޭޓިވް ޑރ. އެލިސް އަކުންގާއެވެ.ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާ، ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ޔުނިސެފުން ރާއްޖެއަށް އެކާވިސް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާގެ އެހީއެއް ކަނޑައަޅާފައިވާކަމަށާއި އޭގެތެރެއިން ވިހި އިންސައްތަ ހެލްތް ދާއިރާއަށް ޚާއްސަ ކުރެވިފައިވާކަމަށެވެ. އަދި މިފައިސާ އަމާޒް ކުރެވިފައި ވަނީ ގައިންގަޔަށްނާރާ ބަލި މަދު ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށްކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.އަލަށް ތަޢާރަފް ކުރެވޭ ވެކްސިންތަކަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުމާއި އެހީތެރިވެދިނުމުގެ މަސައްކަތްތައް، މި ވަރކް ޕްލޭންގެ ދަށުން ކުރިޔަށް ގެންދިއުން ހިމެނޭކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.