ޚަބަރު

ޖެނުއަރީމަހު ޗިކުންގުންޔާގެ 38 ކޭސް ރިޕޯޓްކުރި - އެޗްޕީއޭ


މިއަހަރުގެ މިހާތަނަށް 38 މީހަކަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން ގިނައިން ރިޕޯޓްކޮށްފައިވަނީ މާލޭ ސަރަޙައްދުންކަމަށެވެ. ނަމަވެސް މީގެ ތެރޭގައި ސީރިއަސް އެއްވެސް ކޭސްއެއް ރިޕޯޓް ކޮށްފައިނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޗިކުންގުންޔާއަކީވެސް ޑެންގީހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހުޅުހުޅުގައި ރިއްސުން، ބޮލުގައި ރިއްސުން، ބައެއް ހުޅު ދުޅަވުން އަދި ހަމުގައި ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. އެޗްޕީއޭއިން ވިދާޅުވީ ޑޭގީހުން ފަދައިން، މިބައްޔަކީވެސް ވަކި ފަރުވާއެއް އޮންނަ ބައްޔެއް ނޫންކަމަށާއި، ބަލިޖެހުމުން ގިނައިން އަރާމުކުރުމާއި، ދިޔާއެއްޗެހި ބޭނުންކުރުން މުހިންމުކަަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރައް ދެއްކުމަށްވެސް އިލްތިމާސްކުރައްވައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުވަނީ ދަށަށްގޮސްފައެވެ. ޑިސެމްބަރުމަހު ޑެންގީގެ 558 ކޭސް ރިޕޯޓްކުރި ނަމަވެސް، މިދިޔަ މަހު ރިޕޯޓްކޮށްފައިވަނީ 504 ކޭސްއެވެ. ނަމަވެސް އެހެން އަހަރުތަކުގެ ޖެނުއަރީމަހާއި އަލާބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ގިނަކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ބޭރަށް ހިންގުމުގެ 6239 ކޭސް ރިޕޯޓް ކޮށްފައިވާއިރު މި ޖެނުއަރީމަހު 5500 މީހުން ބޭރަށް ހިންގައިގެން ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރޯގާތަކާއި ބަލިތަކުން ރައްކާތެރިވުމަށް ކުރިޔާލާ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެގޮތުން މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމާއި، ސާފުތާހިރުކަން އިތުރުކުރުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.