ސިޔާސީ

މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަށް ލޭބަރ ޕާޓީން ގޮވާލައިފި


ވަޒީފާގެ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ގޮވާލައިފިއެވެ.

ލޭބަރ ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކާމެދު ސިޔާސީ ބޭނުމަށް ތަފާތު ފިޔަވަޅުތައް އަޅައި، ވަޒީފާގެ ބިރުދައްކައި ވަޒީފާއިން ވަކިކުރުންފަދަ އަމަލުތަކަށް ނިމުމެއް ނައިސް، އެފަދަ ކަންބޮޑުވުންތަކުގެ މައުލޫމާތު ތަކުރާރުކޮށް އެޕާޓީއަށް ލިބެމުން އަންނަ ކަމަށެވެ.

މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ލޭބަރ ޕާޓީން ބުނެފައިވަނީ އެޕާޓީގެ އެންމެ މުހިންމު ބިންގަލަކީވެސް މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ އިޖްތިމާޢީ އަދާލަތު ޤާއިމްކޮށްދިނުން ކަމަށެވެ.

ނޫސް ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ނަމަވެސް ވަޒީފާގެ ބިރުދެއްކުން ކުރިމަތިކުރުމަކީ އެޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ޤާނޫނާއި ޚިލާފު އަމަލުތަކަށް ފުރުސަތު ނުދިނުމަށް އެންމެހާ މަސައްކަތްތެރިން އެކުވެރިވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކަށް ޤާނޫނާއި ޚިލާފަށް ނުޙައްޤުން ފިޔަވަޅެއް އަޅައި، ވަޒީފާއިން ވަކިކޮށްފައިވާނަމަ އެފަރާތެއްގެ ޙައްޤުތައް ހޯދުމުގައި މަގުދައްކައި، ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށްވެސް ލޭބަރ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.