ޚަބަރު

ޝަރީފްގެ އަބުރަށް އަރައިގެންފައިވާތީ ޗެނަލް13 އިން މަޢާފަށް އެދެން ޖެހިއްޖެ


"އޮޅުވާލި ވޯޓު" ނަމުގައި "ޗެނަލް 13"އިން ގެނެސްދިން ޕްރޮގްރާމެއްގައި، ތަފާތު އެކި ދުވަސްތަކުގެ މަތިން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފުގެ އަބުރަށް އުނިކަން އަންނަ ގޮތަކަށް އެ ޕްރޮގްރާމުގައި ވާހަކަދައްކާފައިވާތީ އެކަމަށް މަޢާފަށް އެދުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ޗެނަލަށް އަންގައިފިއެވެ.

ޗެނެލް 13 އިން "އޮޅުވާލި ވޯޓު" ނަމުގައި ގެނެސްދިން ޕްރޮގްރާމް ގައި ޝަރީފު އާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ހިމެނޭ ކޮންޓެންޓެއް ދެއްކި ހަތަރު މައްސަލައެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިއްޔެ ވަނީ ބަލާ ނިންމާފައެވެ.

ޗެނަލް 13 އާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު އެ ކޮމިޝަނުން ބުނެފައިވަނީ އެ ޗެނަލް ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެފައި ކަމަށެވެ. އެހެންކަމުން އެފަދަ ކޮންޓެންޓުތައް ފޮނުވުމުގައި މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުމަށް އުނިކަމެއް ނުވަތަ ނިކަމެތިކަމެއް ނުލިބޭފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި ސަމާލުވުމަށް ޗެނަލް 13އަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން އެކަމަށް މަޢާފަށް އެދި އެ ޗެނަލުން މި މަހުގެ 14ވަނަ ދުވަހުގެ ކުރިން ބަޔާނެއް ނެރެންވާނެ ކަމަށެވެ. އަދި ހަމަ އެރޭގެ 8:00އާ 10:00އާ ދެމެދުގެ ވަގުތެއްގައި އެ ބަޔާން ޗެނަލް 13އިން ޢާއްމު ކުރަންވާނެ ކަމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޗެނަލް 13އާ ގުޅޭގޮތުން ހުށަހެޅުނު އެހެން މައްސަލަތައް ތަޙްޤީޤު ކުރުމަށްފަހު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އެ ޗެނަލުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުނުވުމަށް އިންޒާރުކޮށްފައެވެ. މިއީ ކޯޑް އޮފް ޕްރެކްޓިކްސްއާ އެ ޗެނަލުން ޚިލާފުވި ފަސްވަނަ ފަހަރެވެ.