ޚަބަރު

ސްޓެމް ސެލް ތެރަޕީއަކީ އޯޓިޒަމަށް ދެވޭ އެކަށީގެންވާ ފަރުވާއެއް ނޫން- އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް


ސްޓެމް ސެލް ތެރަޕީއަކީ އޯޓިޒަމް ކުދިންނަށް އޮތް ފަރުވާއެއްކަން ސާބިތުވެފައިނުވާއިރު، މި ތެރަޕީއަށް އެކުދިން ހުށަހެޅުމަކީ ނުރައްކާތެރިކަމެއްކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ އެކްޓިންގ ސީއީއޯ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޑރ. އިސްމާއިލް ޝަފީއު މިހެން ވިދާޅުވެފައިމިވަނީ، ގިނަ އަދަދެއްގެ ދިވެހިން އޯޓިޒަމް ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ސްޓެމް ސެލް ތެރަޕީ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ސްޓެމް ސެލް ތެރަޕީ ދިނުމާއި، ރާއްޖެއިން ބޭރުން ސްޓެމް ސެލް ތެރަޕީ ހޯދުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އޯޓިޒަމް އެސޯސިއޭޝަންގެ އެކްޓިންގ ސީއީއޯ، އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ.އިސްމާއިލް ޝަފީއު ވިދާޅުވީ، މި ތެރަޕީއަކީ ކްލިނިކަލް ޓެސްޓުކުރުމުގެ މަރުޙަލާގައިވާ ތެރަޕީއެއް ކަމަށެވެ. އަދި ނަން މަޝްހޫރު ކްލިނިކަލް ގައިޑްލައިންތަކުގައިވެސް ސްޓެމް ސެލް ތެރަޕީއަކީ ފަރުވާއެއްގެ ގޮތުގައި ބަލައިގަންނަ ތެރަޕީއެއް ނޫންކަން ފާހަގަކުރައްވާ ޑރ. ޝަފީޢު ވިދާޅުވީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވެސް އެ ފަރުވާ ބަލައިގެންފައި ނުވާކަމަަށެވެ.

އޯޓިޒަމް ތަހައްމަލްކުރަން މެދުވެރިވާ ސަބަބެއް މިހާތަނަށް ހޯދިފައިނުވާއިރު، މި ބަލީގެ ނިޝާނެއް އެމްއާރުއައިއާއި ސީޓީ ސްކޭން އިންވެސް ފެންނަން ނުހުންނަކަން ޑރ.ޝަފީޢު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސްޓެމް ސެލް ތެރަޕީއަކީ އޯޓިޒަމް ކުދިންނަށް އޮތް ފަރުވާއެއްކަން ސާބިތުވެފައިނުވާއިރު، މި ތެރަޕީއަށް އެކުދިން ހުށަހެޅުމަކީ ނުރައްކާތެރިކަމެއްކަމަށް ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

"ސްޓެމް ސެލް ތެރަޕީ މިއޮތީ ކްލިނިކަލް ޓްރައެލްއެއްގައި. މި ފަދަ ދަނޑިވަޅެއްގައި މި ތެރަޕީއަކީ އެންމެ އެކަށޭނަ ފަރުވާއެއްކަމަށް އަޅުގަނޑުމެންނަށް ނުބެލެވޭ. ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މި ތެރަޕީ ފަރުވާއެއްގެ ގޮތުގައި ބަލައިގަތުމަށް ފަހު މެނުވީ އަޅުގަނޑުމެން މި ތެރަޕީ ބޭނުންކުރުން އެދެވިގެންނެއް ނުވޭ. އެމެރިކާގެ ބޭސްވެރިކަމުގެ ވެބްސައިޓްގައި މި ތެރަޕީ ޝާއިޢުކުރުމަށްފަހު މި ތެރަޕީ ނަގާފައިވުމަކީ މިކަމާއި މެދު އިތުރަށް ޝައްކު ބޮޑުވާކަމެއް." ޑރ.އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

ސްޓެމް ސެލް ތެރަޕީން ފައިދާތަކެއް ކުރާކަމަށް ބެލެވޭތީ މި ތެރަޕީ ރާއްޖެއަށް ތަޢާރަފްކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން މީގެ ކުރިން ރާއްޖެއިން ބޭރުގެ ޓީމްތަކެއްވެސް ގެނެސްފައިވެއެވެ. ނަމަވެސް އެ އެސޯސިއޭޝަނުން އެކަން ހުއްޓާލާފައިވަނީ އެއީ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާކަމަށް ސިއްޙީ ދިރާސާތަކުން ދައްކާފައި ނުވާތީކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.

ސްޓެމް ސެލް ތެރަޕީ އޯޓިޒަމްއަށް ފަރުވާއެއްގެ ގޮތުގައި ބޭނުންނުކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން ގޮވާލާފައިވާއިރު، ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރ އަދި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރ ޢަބްދުﷲ ނިޔާފްވެސް ވަނީ ސްޓެމްސެލް ތެރަޕީ ފަރުވާއެއްގެ ގޮތުގައި ބޭނުންނުކުރުމަށް ގޮވާލާފައެވެ. އަދި މި ތެރަޕީއަކީ އިންސާނުންނަށް އެންމެ އެކަށޭނަ ތެރަޕީއެއްކަން ސާބިތުވުމުން ނޫނީ ސްޓެމް ސެލް ތެރަޕީ ޚިޔާރު ނުކުރުމަށްވެސް ޑރ. ނިޔާފްވަނީ ގޮވާލައްވާފައެވެ.