ވިޔަފާރި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޮޕަރޭޓުކުރި ސީޕްލޭންގެ އުދުހުންތައް ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


މިދިޔަ ޑިސެމްބަރު މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި، ސީޕްލޭންގެ ރިކޯޑު މުގުރާލާ، އިއްޔެ އެއަރޕޯޓަށް އަނެއްކާވެސް ރިކޯޑު އަދަދަކަށް ސީޕްލޭން އޮޕަރޭޓުކޮށްފިއެވެ.

މިހަފްތާގެ އާދިއްތަދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޮޕަރޭޓްކުރި ސީޕްލޭން ދުހުންތަކުގެ ޖުމްލަ އަދަދު 531 އަރާއިރު، މިއީ މި ފަހުގެ ތާރީހެއްގައި ސީޕްލޭންގެ އުދުހުންތައް މިހާބޮޑަށް އިތުރުވެގެންދިޔަ ފުރަތަމަ ފަހަރުކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މީގެ ކުރިން އެންމެ ގިނައިން އެއަރޕޯޓުގައި ސީޕްލޭން އޮޕަރޭޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ 517 މޫވްމެންޓާއިއެކުއެވެ. އެދުވަހު ސީޕްލޭނުން ވަނީ 5500 ފަސެންޖަރުން ދަތުރުކޮށްފައެވެ.

މީގެ އިތުރުން އެދުވަހަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާތަނަށް އެންމެ ގިނައިން އުދުހުންތައް އޮޕަރޭޓްކުރި ދުވަހެވެ. އެގޮތުން އެދުވަހުގެ ޖުމްލަ ފްލައިޓް އޮޕަރޭޝަންސް އުޅެނީ 729 ގައެވެ. އޭގެތެރޭގައި ހިމެނެނީ، ބައިނަލްއަޤްވާމީ 110 ފްލައިޓާއި ޑޮމެސްޓިކް 102 ފްލައިޓްގެ އިތުރުން 517 ސީޕްލޭނެވެ.

އޭގެކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެންމެ ގިނައިން ފްލައިޓް އޮޕަރޭޓްކުރި ދުވަހަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހުގެ އެއަރޕޯޓަށް 644 ފްލައިޓް އޮޕަރޭޓްކޮށްފައިވާކަމަށް އެމްއޭސީއެލްގެ އެއަރ ޓްރެފިކް ކޮންޓްރޯލް މެނޭޖްމަންޓު ސާރވިސްއިން މަޢުލޫމާތުދެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ސީޕްލޭންގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ސީޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ. މިގޮތުން މޯލްޑިވިއަން އަދި ޓީއެމްއޭއިން ވަނީ އެކުންފުނިތަކުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް މިދިޔަ އަހަރުވެސް ސީޕްލޭންތައް ގެނެސްފައެވެ.