ޚަބަރު

ލުބްނާންގެ ސަރުކާރު ކޮންޓްރޯލްކުރަނީ ހިޒްބުﷲ އިންކަމަށް ކުރި ތުހުމަތު އެ ޖަމާޢަތުން ދޮގުކޮށްފި

ލުބުނާނުގެ އާ ސަރުކާރުން ކޮންޓްރޯލްކުރަނީ އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތް ހިޒްބުﷲ ކަމަށް ވިދާޅުވެ، އިސްރާއީލުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތުތައް އެ ޖަމާޢަތުން ދޮގުކޮށްފިއެވެ. މިކަމާ ބެހޭގޮތުން ވާހަކަދައްކަމުން ހިޒްބުﷲ ގެ ލީޑަރު ޝޭޚް ނައީމް ޤައްސާމް ބުނީ، އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ މި ތުހުމަތުތަކަކީ އެއްވެސް މުހިއްމުކަމެއް ދޭންޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ.

އަދި ހިޒްބުﷲއަކީ ލުބުނާނުގެ ޤައުމީ އެއްބައިވަންތަކަމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ގުޅިފައިވާ ސަރުކާރުގެ މުހިއްމު ބައެއް ކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ އަހަރުގެ މޭ މަހުގެ ޢާއްމު އިންތިޚާބަށް ފަހު، ދިގުލައިގެންދިޔަ މަޝްވަރާތަކެއްގެ ނަތީޖާއަށް ބަރޯސާވެ، ލުބުނާނުގައި އާ ސަރުކާރެއް ޤާއިމުކޮށްފައިވަނީ ހުސްވި ހަފުތާގައެވެ.

މި ސަރުކާރުގައި ހިޒްބުﷲގެ ސިޔާސީ ޕާޓީއިން ވަނީ ސިއްހަތާ ބެހޭ ވަޒީރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފައެވެ. އެ ޖަމާޢަތުން ބުނެފައިވަނީ ސިއްހަތާ ބެހޭ ވުޒާރާއިން ޢާއްމުންނަށް ޚިދުމަތްތައް ދިނުމުގައި އެއްވެސް ފަރާތަެއް ތަފާތުނުކުރާނެކަމަށެވެ.

އިސްރާއީލުން އާދިއްތަ ދުވަހު ބުނެފައިވަނީ ލުބުނާނުގެ އާ ސަރުކާރު ކޮންޓްރޯލް ކުރަމުންދާނީ ހިޒްބުﷲ މެދުވެރިކޮށް އީރާނުން ކަމަށެވެ. އެމެރިކާއިން ވެސް ވަނީ ލުބުނާނުގެ އާ ސަރުކާރުގައި ހިޒްބުﷲއަށް މުހިއްމު ދައުރެއް އަދާކުރުމުގެ ފުރުސަތު ލިބިފައިވާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ.