ޚަބަރު

މަޖިލީހުގެ އިތުރު 10 ދާއިރާއަކަށް ވާދަކުރަން އެމްއާރްއެމްއިން ނިންމައިފި


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިތުރު ދިހަ ދާއިރާއަކަށް ވާދަކުރަން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ނިންމައިފިއެވެ.

އެމްއާރްއެމް އިން ބުނީ މަޖިލިސް އިންތިޚާބުގައި އެމްއާރްއެމްއިން ވާދަކުރާނެކަން އިއުލާން ކޮށްފައިވާ 35 ދާއިރާގެ އިތުރުން، އިތުރު ދިހަ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިމަހުގެ 6 ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ފުރުޞަތު ހުޅުވާލާފައިވާ ކަަމަށެވެ.

ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހުގެ 35 ދާއިރާއަކަށް ވާދަކުރާނެކަން އެމްއާރުއެމްއިން އިޢުލާން ކޮށްފައިވާއިރު ރައީސް މައުމޫނުގެ ތާޢީދާއެކު ވާދަކުރުމަށް ނިންމާފައިވާ ހަތަރު މީހަކު މިހާރު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އެމްއާރްއެމްއިން ބުނީ މަޖިލީހުގެ އިތުރު ދާއިރާތަކަށް ވާދަކުރުމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދާއި ޖޭޕީ ލީޑަރު ޤާސިމް އިބްރާހީމާއި ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި ބާރަ މެންބަރުން ވާދަކުރާ ދާއިރާތަކަށް އެމްއާރުއެމްއިން ވާދަ ނުކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް މައުމޫންނުގެ ސިޔާސީ އިސްލާޙީ ޙަރަކާތް އެމްއާރްއެމް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމްއާރްއެމް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.