ސިޔާސީ

އިންޑިއާގެ ރާޑަރުތައް ރާއްޖޭގައި ހަރުކުރަން ފަށައިފި - އެމްއެންޑީއެފް


އިންޑިއާއިން ރާއްޖޭގައި ހަރުކުރުމަށް ނިންމި ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ހަރުކުރުމަށް ނިންމާފައިވަނީ ދިހަ ކޯސްޓަލް ރާޑަރު ސިސްޓަމެެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިންޑިއާއާ ގުޅިގެން ރާއްޖޭގައި ހަރުކުރުމަށް ނިންމާފައިވާ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ޝަމާލް ވިދާޅުވީ، ރާޑަރުތައް ހަރުކުރުމުގައި ދެ ޤައުމުންވެސް އެންމެ ބޮޑު އިސްކަމެއްދެނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑު ބޭނުންކޮށްގެން ވަގަށް މަސްތުވާތަކެތި އެތެރެކުރުމާއި ތަފާތު އެކި ކުށްތައްކުރުން ހުއްޓުވަމަށް މިރާޑަރު ސިސްޓަމްގެ ބޭނުން މުހިންމުކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ކޯސްޓަލް ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް ވާހަކަދެކެވި، ޢަމަލީ މަސައްކަތް ނުފެށި ގިނަ އަހަރުތަކެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެމަސައްކަތުގެ ފުރަތަމަ ފޭސް ނިންމައި ދެވަނަ ފޭސްގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރަމުންދާއިރު، އިންޑިއާއިން އަންނަނީ މި ސަރަޙައްދުގެ އެހެން ބައެއް ޤައުމުތަކުގައިވެސް މި ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އިންޑޮނޭޝިޔާ، މިޔަންމާ އަދި ބަންގްލަދޭޝްއާއެކު ވެސް އިންޑިއާއިން އަންނަނީ މަޝްވަރާކުރަމުންނެވެ.