ޚަބަރު

ކެންސަރުން ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރު ކުރައްވާ - ރައީސް

ކެންސަރުން ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނުގެ ޓްވީޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ ކެންސަރާއި ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރު ކުރުމަށް އެންމެހާ ދިވެހިންނަށް ބާރުއަޅާނެ ކަމަށެވެ. ރައީސް ޞާލިޙު މިކަމަށް ގޮވާލައިފައިވާއިރު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މިކަމަށް ތާޢީދުކޮށް ކެންސަރަށް ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމުތަކަށް އެކަމަނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީހާއި މަސައްކަތުގެ މާޙައުލުގައި އުޅޭ ވަގުތު ހެލިފެލިވެ އުޅުމަށް ބާރުއެޅުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން "އެކްޓިވް ވަރކް ޕްލޭސް" ކޮންސެޕްޓް ތަޢާރުފް ކުރުމަށް ބޭއްވި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ނާއިބު ރައީސްވަނީ ޤަވާއިދުން ކެންސަރަށް ސްކްރީން ކުރުމަށް ގޮވާލައިފައެވެ.

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި އަންނަނީ ތަފާތު އެތައް ޙަރަކާތްތަކެއް ހިންގަމުންނެވެ. މިއަހަރުގެ ކެންސަރު ދުވަހުގެ ޝިޢާރަކީ "އައި އޭމް އެންޑް އައިވިލް" މި ޝިޢާރެވެ.