ސިޔާސީ

ގައިދީ ޢަބްދުﷲ ރަޝީދު ޖަލުގައި މަރުވި މައްސަލާގައި ދައުވާކުރަނީ


މޭޑޭ މުޒާހަރާގައި ހައްޔަރުކުރި ޢަބްދުﷲ ރަޝީދު މުޙައްމަދު ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދަނިކޮށް މަރުވި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީ އޮފީހަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްއިން ފޮނުވައިފިއެވެ.

ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޢަބްދުﷲ ރަޝީދު މަރުވެފައިވަނީ 2107 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ކަމުން އެޗްއާރުސީއެމުން ވަނީ މައްސަލައިގައި އެ ކޮމިޝަނުގެ ތަހުޤީޤަށް ރިޢާޔަތްކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީގައި އެދިފައެވެ. އެޗްއާރުސީއެމުން ބުނީ ޢަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ކަމަށް ތަހުގީގަށް ފާހަގަވި މީހުންގެ ނަންތައް މައްސަލަ ފޮނުވުމަށް ފަހު ހާމަކުރާނެ ކަމަށެވެ.

މި މައްސަލާގައި އިހުމާލުވި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ފޮނުވަން ނިންމާފައި މިވަނީ މައްސަލަ ތަހުގީގުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވި ފަހުންނެވެ.

ޢަބްދުﷲ ރަޝީދު މަރުވީ އޭނާގެ އެތެރެ ހަށީގައި އިންފެކްޝަނެއް އުފެދި އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްވުމުންނެވެ. އަދި އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށް އާއިލާއިން ހާމަކުރެއެވެ. ޢަބްދުﷲ ރަޝީދު މަރުވެފައިވަނީ ހާލު ބޮޑުވެ ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވައެވެ.