ޚަބަރު

ރާއްޖެއަށް ތަރައްގި ގެނައުމަށް އަމާންކަންމަތީ ބޭއްވުން މުހިންމު-


ދިވެހިރާއްޖެ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭވަރުގެ ތަރައްގީއެއް ގެނައުމަށް މިސްރާބު ޖަހާފައިވާ ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާއްޖެއަކީ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގެ ޓޫރިޒަމް ފުނޑާލުމަށް ސިޔާސީ ބައެއް ފަރާތްތަކުން ކުރި މަސައްކަތުގައި ރާއްޖެ އޮތީ 10 އަހަރު ފަހަތަށް ސޮއްސާލާފައިކަމަށެވެ. އަދި މި ސަރުކާރުގެ މަސައްކަތުން މިހާރު ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިގަންފަށާފައިވާއިރު މިއިން ކޮންމެކަމެއްގައި ފައިދާ ކުރާނީ އާންމު ރައްޔިތުންނަށްކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ތަރައްގީއަށް އާ ބަސް ބުނަން ޖެހޭ ކަމަށާއި މި ސަރުކާރުން، މީގެ ކުރިން ރާއްޖެ ނުދެކޭވަރުގެ ތަރައްގީއެއް ގެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަމުގެ ހެއްކަކީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައްވެސް ކާމިޔާބްކަމާއި އެކު ކުރިއަށްދާ ދިއުންކަމުގައި ވިދާޅުވިއެވެ.މީގެ އިތުރުން މިހާރު ގާއިމްކުރެވިފައިވާ އިންވެސްޓާސް ޓްރަސްޓް ދަމަހައްޓަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށާއި މުޅި ރާއްޖޭގެ އިގްތިސާދަށްވެސް ބުރޫ އަރާފަދަ ވާހަކަތަކެއް ދާދި ފަހުންވެސް ބޭރުގެ ނޫސްތަކުގައި ޖަހާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޓެރަރިޒަމާއި ރާއްޖެއާއި ގުޅުވާ ވާހަކަދައްކަވާފައިވުމަކީ ބައިނަލްއަގްވާމީ މަސްރަހްގައި ރާއްޖޭގެ ނަން ހަޑިކޮށްލާ ރާއްޖޭގެ އިގްތިސާދު އަދަވަޅަކަށް ވައްޓާލުމަށް ބަޔަކުކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.