ސިޔާސީ

މަޖިލިސް އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން އަދާލަތު ތައްޔާރު


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީ ތައްޔާރަށް އޮތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

"އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަތީފް ވިދާޅުވީ، އަދާލަތު ޕާޓިއަކީ ރޭވިގެން ވަކި އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން އަދާލަތު ޕާޓީއާއެކު މަޝްވަރާކުރުމަށް އެމްޑީޕީއަށް ވަރަށް ފަސޭހަކަމަށް އޭނާ ވިދާޅުވިއެވެ.

އެޖެންޑާ 19 ގެ ތަރުޖަމާނުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން އަންނަ އަފްޝާން ވިދާޅުވީ، ރޭގެ ވަގުތެއްގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ބޭއްވި މަޝްވަރާތަކަށްފަހު ވަކި ގޮތަކަށް ކަންކަން ކުރުމަށް ނިންމާފައިނުވި ނަމަވެސް މާދަމާ އެމްޑީޕީގެ ގައުމީ މަޖިލީހުން އަދާލަތު ޕާޓީއާއެކު އިތުރު މަޝްވަރާ ބައްދަލުވުމުއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ދެ ޕާޓީގެ ފަރާތުން ނިންމި ކަންކަން ހާމަކުރައްވާނެ ކަމަށްވެސް އަފްޝާން ވިދާޅުވިއެވެ.

އެމްޑީޕީން ކުރިމަތިލާ ދާއިރާތަކުގެ ބައެއް ގޮނޑިތަކަށް އަދާލަތު ޕާޓީން ކުރިމަތިލުމުގެ ޝައުގުވެރިކަން އެޕާޓީން ފާޅުކޮށްފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަފްޝާން ވިދާޅުވީ އެފަދަ ހުށަހެޅުމެއް އަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އަދާލަތު ޕާޓީން ބޭނުންވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށްދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވި ގޮތަށް ކޮންމެ ޕާޓީއަކުންވެސް ބޭނުންވާނީ ވީހާވެސް ގިނަ ގޮނޑިއެއް ކާމިޔާބުކޮށް އަގުލަބިއްޔަތު ހޯދުން. އަދި އެޕާޓީއަކުން ކުރިމަތިލާ ހުރިހާ ގޮނޑިއެއް ލިބުން އެއީ އެދޭ ގޮތް. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތަކީ 86 ދާއިރާއަށް ކުރިމަތިލިޔަސް އެދާއިރާތަކުގެ ގޮނޑި ލިބުމަކީ ނާދިރުކަމެއް. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަގުލަބިއްޔަތު ހޯދުމަށް." އަފްޝާން ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭގޮތުން ދެޕާޓިން މަޝްވަރާކޮށްފައި މިވަނީ، މަޖިލިސް އިންތިޚާބުގައި ވާދަކުރުމާމެދު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވަނިކޮށެވެ. އެކަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ދެފަރާތުންވެސް ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ.

އެމްޑީޕީން ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ކޯލިޝަން ޕާޓީތަކާއި ވަކިންކަމަށެވެ. އެކަމާ ހިތްޕުޅުހަމަނުޖެހި ޖުމްހޫރީ ޕާޓިންވަނީ އެޕާޓީއާއެކު މަޖިލިސް އިންތިޚާބަށް ކޯލިޝަން ހަދަން ތައްޔާރަށްތިބި ކޮންމެބަޔަކާއި އެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން މަޝްވަރާކޮށްފައިވާއިރު، ޢާންމު އިންތީޚާބުގައި އެމްޑީޕީން 86 ދާއިރާއަށް އަދި އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރާނެކަން ވަނީ އިޢުލާންކޮށްފައެވެ.